ކޮވިޑް ޖެހިގެން 23 ވަނަ މީހަކު ނިޔާވެއްޖެއެވެ. ނިޔާވީ އުމުރުން 64 އަހަރުގެ އަންހެނެކެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، މިއަދު ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހަކު ކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހަވީރު 5:36 ހާއިރު ކަމަށް އެޗްއީއޯސީން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 23 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 5 ބިދޭސީންނެވެ. 18 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 11 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި 89 އަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ އަންހެނަކާއި 67 އަހަރުގެ ފިރިހެނެކެވެ. އަދި 77 އަހަރުގެ އަންހެނަކާއި، 61 އަހަރުގެ އަންހެނަކާއި 64 އހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 5785 މީހަކަށެވެ. އޭގެ ތެރެއިން މިހާރު 3349 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބަލި ޖެހިފައި ވަނީ 2414 މީހަކަށެވެ. އޭގެ ތެރެއިން 146 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1481 މީހެކެވެ.