ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ އެކަހެރިކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުން، ބައްދަލު ކުރުމާސް މާފުއްޓަށް ދިއުމުން އެކަން ނުވި ކަމަށް ވަކީލުން ބުނެފިއެވެ.

ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ، ރައީސް ޔާމީނާ ބައްދަލުކުރުމަށް މިއަދު 14:00 އަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ލިޔުމުން ޖަވާބު ދިނުމުން އެ ލިޔުމާ އެއްގޮތަށް މާފުށްޓަށް ވަކީލުން ދިޔަ ކަމަށެވެ.

ނަމަވެސް އެ ރަށަށް އަރައި ބައްދަލުކުރެވޭނޭ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސާފައި ނުވާތީ ބައްދަލު ނުވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމިން ވަކީލުންނާ އެކަހެރި ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަނުގެ މައްޗަށް އަމުރު ކުރުމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވަނީ ނިންމާފައެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ، ރައީސް ޔާމީނާ ވަކީލުންނަށް ބައްދަލުކުރެވޭނެ އިންތިޒާމް މިއަދު މެންދުރު 2:00 ގައި ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ބުނެފައެވެ.

އެކަމާ ގުޅިގެން ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމިން ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ސަވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމަށް ރައީސް ޔާމީންގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރޭވެނެ ކަމަށް އެފަރާތުގެ ގާނޫނީ ވަކީލުންނައް އަންގާފައިވާނެ ކަމަށެވެ.

ރައީސް ޔާމީނާ ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަން ހަމަނުޖެހިގެން އުޅެނީ ވަކީލުމް، ރައީށް ޔާމީނާ އެކަހެރި ބައްދަލުވުމެއް ބޭނުންވާތީއެވެ. އަދި ކޮވިޑްގެ މިހާލަތުގައި ރަށްރަށަށް ދަތުރުކުރުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، ކަރެކްޝަނުން ގައިދީންނާ ވަކީލު ބައްދަލުވުން އިންތިޒާމް ކޮށްދެނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. އެކަހެރި ބައްދަލުވުން ބޭނުންވާ ފަރާތްތަކުން މާފުއްޓަށް ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހެނީ އެ ފަރާތްތަކުން އަމިއްލައަށެވެ.

ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު، މި މައްސަލައިގެ އިސްތިއުނާފު މިހާރު ހައި ކޯޓުގައި ކުރިއަށް އެބަގެންދެއެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.