ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ރައްޔިތުންނަށް އިރުޝާދު ދެއްވީ ގައިދުރުކަން ބެހެއްޓުމަށާއި އަތް ދޮންނަން ކަމަށްވީ ނަމަވެސް އެފަދައިން ވިދާޅުވެ ސަރުކާރުން ކޮވިޑް-19ގެ އެންމެ މުހިންމު ދެ މުއައްސަސާ، ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ ދޮވެލާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހަރަދުތަކާ ގުޅިގެން ތިލަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ، އެ މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ކޮވިޑްގެ މިހާލަތުގައިވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާތީ އުފާ ކުރައްވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެ މިނިސްޓްރީގެ 80 ޕްސެންޓް ހަރަދު ތަކަކީ އެ މިނިސްޓްރީގެ މެންޑިޑޭޓުގައި ނުހިމެނޭ ކަންކަން ކަމަށާއި މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމަށެވެ. ހެލްތް މިނިސްތްރީގެ އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރު ގެނައުމަށް އެޑްވާންސަށް ދައްކަވާފައިވާ ނުދަންނަ ކުންފުންޏަކަށް 90 ޕަސެންޓް ފައިސާ ދީފައި ވާއިރު އެއީވެސް ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ރައްޔިތުން ގެއަށް ވައްދާފަ، ގައި ދުރުކޮށް ތިބެ، އަތް ދޮންނަން ވިދާލުވީ، އަތް ދޮންނަން ވިދާޅޫވެ ބަހައްޓަވާފަ، އަޅުގަނޑުމެންނަށް މި ފެނުނީ މުޅި ދައުލަތް ދޮވެލިތަން،
ޝިޔާމް

ފިނޭންސް މިނިސްޓްރީގެ މައްސަލަވެސް ކޮވިޑްގެ ކަންކަމުގައި ވާނެ ކަމަށާއި އެގޮތުން ފިނޭންސް މިނިސްޓްރީއަށް އެހާ ބޮޑު ޕޭމަންޓެއް ދޫކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ހަދާފައިވާ ގަވައިދާ ގާނޫނުތަކާއި ހިލާފަށް އެޓާނީ ޖެނެރަލްއަށްވެސް އެއްވެސް ލަފާއެއް ނޭރުވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބޭ ގޮތުގައި ޕޮރިން މިނިސްޓަރުގެ އޮޑިޓް ރިޕޯޓެއް އޮތް ކަމަށާއި އެކަން ހާމަ ނުކުރަނީ އިންތިހާއަށް ކަންބޮޑުވާ ވަރަށް ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ހުރުމުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ރިޕޯޓެއް އާންމުކޮށްފައި ވަނީ މިއަދެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު ގަވާއިދާ އެއްގޮތަށް އެކަންތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ.

އަދި ކޮވިޑް-19އިން އަރައިގަތުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު، ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ.

މީގެ އިތުރުން ދަށް ފެންވަރުގެ އެން95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެފައިވާއިރު، ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފެންނަން އޮތީ އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ. އަދި އޮޅުވާލުމނުގެ ގިނަ ތުހުމަތު ތަކެެއް ކޮށްފައިވާއިރު، ތިންލައްކައަށް ވުރެ ގިނަ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.