ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް މިނިސްޓަރުކަން ދިނީ ފުޓްސަލް ދަނޑުތައް އަޅުއްވަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ތިއްބެވި ވަޒީރުން ކަންކަން ނިންމަވަން ވާނީ އެމްޑީޕީއާ މަޝްވަރާ ކުރެވިގެން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝަވަރާ ކުރެވިގެން ނިންމަން ޖެހޭ ކަންކަންކަންވެސް ހުރި ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީގެ ފަރާތުން ތިއްބެވި ވަޒީރުން ކަންކަން ނިންމެވުމުގައި އެމްޑީޕީއާ މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށާއި އެމްޑީޕީއާ މަޝްވަރާ ކުރެވިގެން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން މަސައްކަތް ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް ފެނިގެން ދަނީ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން އަމިއްލަ އެޖެންޑާ ނޫނީ އަމިއްލަ ކޯލިޝަންގެ އެޖެންޑާއަށް ކަސައްކަތް ކުރައްވާ ތަން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން އާޒިމް ފާހަގަ ކުރައްވީ ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އަޅަން އެމްޑީޕީގެ މެނިފެސްޓޯގައި ނޯންނާނެ ކަމަށާއި ފުޓްސާލް ދަނޑުތަކަށް ވުރެ މުހިންމު ކަންކަން ހުރި ކަމަށާއި، ސްޕޯޓްސް އެސޯސިއޭޝަނަކީވެސް ބޭނުމަކު ހަދާފައިވާ އެސޯސޮއޭޝަނެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީއާ މަޝްވަރާ ކުރެވިގެން އެމްޑިޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން މަސައްކަތް ކުރެވެން ޖެހޭނެ، އެއާ ހިލާފަށް އަޅުގަނޑުމެންގެ ވަޒީރުންގެ ތެރެއިން ބައެއް މީހުން އެބަ މަސައްކަތް ކުރޭ، އަމިއްލަ އެޖެންޑާނޫން ކޯލިޝަންގެ އެޖެންޑާއަށް، އަޅުގަނޑުމެންގެ މެނިފެސްޓޯގަ، އެމްޑީޕީގެ މެނިފެސްޓޯގަ، ނެތޭ ކޮންމެ ރަށެއްގަ ފުޓްސެލް ދަނޑެއް އަޅާކަށް، އެ ނޫން ކަންކަން އެބަހުއްޓޭ ކުރަން ފުޓްސެލް ދަނޑުއަޅާއިރު، ޕާޓީއާ މަޝްވަރާ ކޮށްގެން، ޕާޓީން ބޭނުންވަނީ ކޮން ކަމެއްތޯ ބަލައިގެން. ރާއްޖޭގައި ފުޓެސެލް ދަނޑުތައް އެޅުމަށް ސްޕޯޓްސް ކޯޕަރޭޝަން އެއް އޮންނާނެ
އަލީ އާޒިމް

އާޒިމް އެފަދައިން ވިދާޅުވެފައި ވާއިރު، މިނިސްޓަރު މަހުލޫފްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށްބުނެ، މިދިޔަ މަހު ވަނީ އަޑު ފެތުރިފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އުޅުއްވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައިގައި އެއްވެސް މެންބަރަކު ސޮއިކުރައްވާފައި ނުވާކަމަށްވެސް ވަނީ ވާހަކަ ދެކެވިފައެވެ.

މީގެ އިތުރުން އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި މަހުލޫފް އާއި އާޒިމް އާ ދެމެދު ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިގެން ގޮސްފައެވެ. އެގޮތުން އާޒިމް ހިތްހަމަނުޖެހުނީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވަން މަހުލޫފް މަސައްކަތް ނުކުރެއްވުމުންނެވެ. ހަތަރު މަސް ކުރިން އެފްއޭއެމްގެ އިންތިހާބު ބާއްވަން އިއުލާނު ކުރުމުން އެފްއޭއެުމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލު ފިޔަވައި އެހެން ފަރާތަކުން ކުރިމަތިނުލި ކަމަށާއި އަދި އޭގެ ހަތަރު މަސް ފަހުން ވަޒީރަށް ދަންނަވައިގެން ފުލުހުން ފޮނުވައިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވަން އުޅުމަކީ ހަޑި ކަމެއް ކަމަށް މަހުލޫފް ވަނީ ވިދާޅުވިއެވެ.