މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 106 މީހަކު ޕޮޒިޓިވް ވި އިރު އޭގެ ތެރެއިން 79 މީހުންނަކީ ދިވެހިންނެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހިންނާއި ބަންގްލްދޭޝްގެ 21 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 5 މީހަކާއި ނޭޕާލްއަށް ނިސްބަތްވާ މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 99 މީހަކު ޕޮޒިޓިވްވީ މާލެ އިންނެވެ. މިއަދު 7 މީހަކު ވަނީ އަތޮޅުތަކުން ޕޮޒިޓިވް ވެފައެވެ.

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 141 މީހުންނެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ޖުމްލަ 3208 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 146 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1518 މީހަކު އެބަ ތިއްބެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5679 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 8 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 14 ރަށެއްގައެވެ. އެއީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ހދ.ކުރިނބި، ފ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.

މީގެ އިތުރުން އެކްޓިވް ކޭސްތައް އުޅޭ ރަށްރަށުގެ ލިސްޓަށް މިވަނީ، ނ. މިލަދޫ، ކ. ހިންމަފުށި އަދި އދ. މާމިގިލި ވެސް އަރާފައެވެ.