ކޮވިޑް-19އާ ގުޅިގެން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރުމުގައި ގެރެންޓީއަކާ ނުލައި 30.9 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ދޫކޮށްފައި ވަނީ ފިނޭސް މިނިސްޓްރީގެ ހުއްދައާ ނުލާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނީ މަސައްކަތް ކޮށްދޭ ފަރާތަށް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ.

ނަމަވެސް، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 ޕްސެންޓް ކަމުގައިވާ 30,911,063 ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. އަދި އެކަމަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އެޑްވާންސް ޕޭމަންޓް ދިނުމުގައި އާންމު ބުއްދީގެ ހަމަތަކަށް ރިއާޔަތްކޮށްފައި ނުވުން

މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދިންގޮތުގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އެދުނުގޮތަށް، ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓް އަށްވާ ފައިސާ އެޑްވާންސްކޮށް ދައްކާފައިވަނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދުމަށް ވަގުތު ނަގާތީއާއި، މި ތަކެތި ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވް ނުކޮށްފިނަމަ ތަކެތި ނުލިބޭނެ ކަމަށާއި، ވެއަރހައުސް ޗާޖްގެ ގޮ ތުގައި ކޮންމެ ދުވަހަކު 25,000 ޑޮލަރު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އިން ދައްކަންޖެހޭކަމަށް އެ ކުންފުނިން ބުނުމާއި، އަދި އެ ކުންފުނީގެ ގުދަނުގައި ތަކެތި ސްޓޮކް ކުރެވިފައި ހުރިކަމަށްވެސް އެ ކުންފުނިން ބުނެފައިވާތީ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންނަމަވެސް، "ޕްރޫޑެންޓް މޭން ރޫލް" ނުވަތަ އާންމު ބުއްދީގެ ހަމަތަކަށް ރިއާޔަތްކުރާއިރު، ކުރިން އެ ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއްކޮށްފައި ނުވާ ފަރާތަކަށް، މާލީ އަދި ފަންނީ ގާބިލްކަން ވަޒަންނުކޮށް، ގިނަ އަދަދެއްގެ ފައިސާ، ބޭންކު ގެރެންޓީއެއް ނުހޯދާ ނުވަތަ ބޭންކަކުން ލެޓާ އޮފް ކްރެޑިޓް ފެސިލީޓީއެއް އިންތިޒާމްނުކޮށް، އެމީހެއްގެ އަމިއްލަ ފައިސާ އެޑްވާންސަށް ދޫ ނުކުރާނެ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ވެންޓިލޭޓަރު ފަދަ ސްޕެޝަލައިޒްޑް މެޑިކަލް އިކުއިޕްމަންޓްތަކަކީ، އެ ތަކެތީގެ ވިޔަފާރި ކުރާ އޭޖެންޓުން ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅޭ އެއްޗެއް ނޫންކަން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނަށް އެނގޭނެ ކަމަށާއި އެހެންކަމުން، އޭޖެންޓަކު، އެ ފަރާތުގެ ގުދަނުގައި 75 ވެންޓިލޭޓަރު ޝިޕްކުރެވޭ ހާލަތުގައި ހުރިކަމަށް ބުނުމުން، އެކަމަކީ، އެ މައުލޫމާތުގެ ސައްހަކަމާމެދު ސުވާލު އުފައްދައި، މަކަރާ ހީލަތުން އޮޅުވާލުމުގެ އަމަލުތަކެއް ހިންގަފާނެކަމަށް ސަމާލުވާންޖެހޭނެ ކަމެއް ކަމަށް އޮޑިޓް ޖެނެރަލްގެ އޮފީހުން ދެކޭ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ގުދަނުގައި 75 ވެންޓިލޭޓަރު ހުރިކަމަށާއި، 14 ދުވަހުގެ ތެރޭގައި އެ ތަކެތި ފޯރުކޮށްދެވޭނެކަމަށް ބުނެފައި ވީނަމަވެސް، އެއްބަސްވުމުގައި ސޮއިކުރި ތާރީހަށް ފަހު 4 މަސްދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު އެ ވެންޓިލޭޓަރު ހަމައަށް ލިބިފައި ނުވުމަކީ، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އިން މިކަމުގައި އޮޅުވާލާފައި ވާކަމަށް ތުހުމަތުކުރެވޭ ކަމެއްކަމުގައި ފާހަގަކުރާ ކަމެއް ކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ވެންޓިލޭޓަރުގެ ޑިމާންޑް މުޅި ދުނިޔޭގައިވެސް އިތުރު ވެފައިވާ ދަނޑިވަޅެއްގައި، ހީލަތްތެރި އޭޖެންޓުންނާއި، އޭޖެންޓުން ކަމަށް ހެދިގެން އުޅޭ ހީލަތްތެރިން ގިނަވާނެ ކަމަށާއި އެހެންކަމުން، ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާ ފައިސާ ރައްކާތެރިކުރުމަށް، އިތުރަށް ސަމާލުވުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށްވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އެޑްވާންސް ޕޭމަންޓު ގެރެންޓީ އާމެދު ޢަމަލުކުރާނެ ގޮތުގެ ހުއްދައަކަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެފައި ނުވުން

މިނިސްޓަރ އޮފް ފިނޭންސުން ދޭ ހާއްސަ ހުއްދައެއްގެ މަތިން މިނިސްޓްރީ އޮފް ހެލްތަށް، އެޑްވާންސް ޕޭމަންޓް ގެރެންޓީއާ މެދު އަމަލު ކުރެވިދާނެ ގޮތެއް ނިންމޭ ނަމަވެސް، މިނިސްޓްރީ އޮފް ހެލްތުން، މިނިސްޓްރީ އޮފް ފިނޭންސުގައި އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއާމެދު އަމަލު ކުރާނެ ގޮތުގެ ހުއްދައަކަށް އެދި ހުށަހަޅާފައެއް ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އެ 75 ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން މިނިސްޓާ އޮފް ފިނޭންސް ހުއްދަ ދީފައި ވަނީ، އެއްބަސްވުމުގެ ޖުމްލަ އަގުގެ 75 ޕްސެންޓް އެޑްވާންސްގެ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތަށް ދިނުމަށް ކަމަށާއި އެހެންކަމުން، ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓް ދީފައިވަނީ، މިނިސްޓާ އޮފް ފިނޭންސްގެ ހުއްދަ ހޯދައިގެން ނޫންކަން ފާހަގަ ކޮށްފައި ވެއެވެ.