ކޮވިޑް-19އާ ގުޅިގެން ގެނައުމަށް ހަމަޖެއްސި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެގައި ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިއުއެޗްއޯ އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ކުންފުން ޏެއް ނޫންކަމަށާއި، އެ ފަރާތަކީ ޑަބްލިއުއެޗްއޯ ގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށެވެ.

އަދި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ހިއްސާކޮށްފައި ނުވާކަމަށް ޑަބްލިއުއެޗްއޯ އިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ ހަވާލުކުރުމާމެދު ގޮތެއް ނިންމުމަށް، އޭޕްރީލް އެކެއް ގައި ބޭއްވުނު މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ 2020 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާގައި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް ހޮވާފައި ވަނީ ޑަބްލިއުއެޗްއޯ އިން ދީފައި ހުރި ކުންފުނިތަކުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ބިޑް ކޮމިޓީގެ ޗެއަާ ކޮމިޓީގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޑަބްލިއުއެޗްއޯ ގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރަށް ފޯނުން ގުޅައި ވެންޓިލޭޓަރުތަކުގެ ލިސްޓެއް އޮންނާނެތޯ އާއި، އެ ލިސްޓް ހޯދާފައިވާގޮތް އޮޅުން ފިލުވިކަމަށާއި، އެ ކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ ގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރު، ޑަބްލިއުއެޗްއޯ އިން ވެންޓިލޭޓަރު ތަކުގެ ލިސްޓެއް ދީފައިވާ ކަމަށް މައުލޫމާތު ދިންކަމަށް އެ ރިޕޯޓްގައި ވެއެވެ.

އަދި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އަކީ، ޑަބްލިއުއެޗްއޯ އަށް އެ ފަރާތަކުން ވެންޓިލޭޓަރު ފަދަ ތަކެތި ގަންނަ ފަރާތެއްކަން އަންގައިދިން ކަމަށް ބިޑްކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައި ވާ ކަަމަށްވެސް ބުނެފައި ވެއެވެ. އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިއުއެޗްއޯ ގެ ރިކޮމެންޑެޑް ސަޕްލަރެޔަރެއްކަން ބަޔާންކޮށް، ޑަބްލިއުއެޗްއޯ އިން ދީފައިވާ އެއްވެސް ލިޔުމެއް މިނި ސްޓްރީ އޮފް ހެލްތުގައި ނެތްކަން އޮޑީޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމަކީ، މާޗް މަހުގެ މެދުތެރޭގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވުނު ބައްދަލުވުމެއްގައި، މިނިސްޓާ އޮފް ހެލްތް، ޑަބްލިޔުއެޗްއޯ ގެ ކަންޓްރީ ރެޕްރެސެންޓެޓިވްގެ އަރިހުގައި ވެންޓިލޭޓަރު ހޯދުމަށް ދަތިވެފައިވާކަމާއި، މިކަމުގައި އެހީތެރިކަމަށް އެދިފައިވާތީ، ޕްރޮފެޝަނަލް ކޮންޓެކްޓްސް މެދުވެރިކޮށް، ހޯދުނު ފަރާތެއްގެ މައުލޫމާތު ޑަބްލިއުއެޗްއޯ ގެ ކަންޓްރީ ރެޕްރެސެންޓެޓިވް ދީފައިވާކަމަށާއި އަދި އެ މައުލޫމާތު މިނިސްޓަރާ ހިއްސާކޮށްފައި ވާނީ ނުރަސްމީ ހައިސިއްޔަތަކުން ކަމާއި، ޑަބްލިއުއެޗްއޯ އިން އެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަމަށެވެ.