ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ދަށުކޯޓުން ސާބިތުވެ ހައިކޯޓުން ބާތިލު ކޮށްފައިވާއިރު، އެ މައްސަލައިގައި ހައިކޯޓުން ވަނީ ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅާފައެވެ.
އެގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނާގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވެފައި، ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ހެއްކާބެހޭ ގާނޫނުގައި ނެތުމެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުން 2016 އޭޕްރިލް 18 ވަނަ ދުވަހު ފާސް ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޭގެ 39 އަހަރާއި ހަ މަހާއި 24 ކުރިން ފާސްކޮށްފައިވާ ގާނޫނަކަށް ހަވާލާދީފައި އޮތް އޮތުމަކީ ފާޅުކަންބޮޑުގޮތެއްގައި ގާނޫނީ ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމުގައި ބަލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކަށައެޅި މަގުސަދު ހާސިލުނުވާނެހެން އެ ގާނޫނުގައި އެ މަޖިލީހުން މާއްދާއެއް ހިމެނުމަކީ އެ ގާނޫނުން ހައްލު ކުރުމަށް ބޭނުންވާ މައްސަލަ ހައްލު ވާނެ ކަމެއް ނޫން ކަމަށް ވެސް އެކުމުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން އެފަދަ ހާލަތްތަކުގައި އެހެން ގައުމުތަކުގެ ކޯޓުތަކުން ކުށްތައް ދެނެގަނެ ގާނޫނު މާނަކޮށް އެކަންކަމަށް ހައްްލު ހޯދައިދޭކަން ފާހަގަކޮށް ހުކުމްގައި ބުނީ އެކަމަށް ހައްލު ހޯދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު ނޫން ލަފްޒު ނުވަތަ ސާފު ނުވާ އިބާރާތުން އަސާސީ ހައްގެއް ގެއްލި ދިޔަދީގެން ނުވާނެ ކަމަށެވެ.
އޭގެ އިތުރުން ހެކިބަސް ދޭ މީހާ ހިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނުނެގި ދިޔުމަކީ އަސާސީ ހައްގުތަކެއް ގެއްލިގެން ގޮސްދާނެ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ސިއްރުން ހެކިބަސް ނަގާއިރު އަޑާއި ސިފަ ބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަކަށް ހެކިބަސް ނެގުމަށް ކޯޓަށް ހުށަހަޅައިފި ނަމަ އެކަމަށް ކޯޓުން ގޮތެއް ނިންމިދާނެ ކަމަށް ވެސް ހުކުމުގައި ބުނެއެވެ.
މިގޮތަށް ހުކުމް ކޮށްފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުންނެވެ.