ކަސަބޭ ބުނުމުން ދިވެއްސެއް ނަމަ އެންމެ ފުރަތަމަވެސް ހިތައް އަންނާނީ ދިވެހި އަންހެނުންގެ ލިބާސްކަން ޔަގީނެވެ. ޒަމާންވީ ދިވެހިންގެ ބޯވަޅު އެޅި ކަސަބު ލިބާހެވެ. ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން އަޅަމުންއައި އެއް ހެދުމެވެ. ޒަމާނަށް އައި ބަދަލާއެކު ދިވެހިންގެ ދިރިއުޅުން ބަދަލުވެ، ލިބާސް ލުން ހުއްޓުނެވެ. ހިރާއި ބަގިޔާ އަދި ރޮދިގަނޑުގެ ތަފާތު ޑިޒައިންތަކުން ޖަރީކުރި ދިވެހި ލިބާހުގެ ބޯވަޅަކީ ދިވެހި އަންހެނުން ކުރި ސާދާ ރީތި މަސައްކަތުގެ މިސާލެއް ނަމަވެސް މިއަދު އެ ގޮތް ބަދަލުވެ އާދައިގެ ފިހާރައަކުން ގަނެލާ ރޭންދާކޮޅަކުން ލިބާހުގެ ބޯވަޅު ޖަރީކުރަން ވަނީ ފަށާފައެވެ. ނަމަވެސް ދިވެހި އަންހެނުން ކުރާ ބުރަ މަސައްކަތް "ކަސަބަށް" ދިވެހިން ދީފައިވާ ގަދަރާއި ލޮއެއްބަށް ވަކި ބަދަލެއް ނާންނާނެކަން ސާބިތުކޮށްދިނީ މާލެއަށް އުފަން، އުމުރުން 42 އަހަރުގެ ހިދާނާ ލަތީފް، ނުވަތަ ހިދާއެވެ.

2017 ވަނަ އަހަރު މާލޭގައި ބޭއްވި ކަސަބު ގެތުމުގެ ކޯހަކުން ހިދާއަށް މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތް ކިޔާދިނެވެ. ކަސަބު ވިޔުމަކީ ކުޑައިރުއްސުރެ ޝައުގުވެރިކަން ހުންނަ މަސައްކަތެއް ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެކަމުގެ ތެރެއަށްވަންނަން މަޖުބޫރުކުރުވި އެއް ސަބަބަކަށްވީ ހެދި ކޯސް ކަމަށް ހިދާ ކިޔާދިނެވެ. ކަސަބު ގެތުމުގައި ހުރި އުނދަގޫ ކަމާއި އެއީ ކިހާ ބުރަ މަސައްކަތެއްކަން ހިދާއަށް ނަގައިގަނެވުނީ އެހިސާބުންނެވެ.

12 އަހަރު ދުވަހު ސަރުކާރުގައި، ތީމުގެ އަދި މުލިއާގޭގައި ވެސް އެޗްއާރް އެންޑް އެޑްމިންގެ ވަޒީފާ އަދާކުރުމަށް ފަހު އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ހެދި ކޯހުން ކަސަބަށް ޖެހުނު ލޯތްބާއެކު ވަޒީފާ ދޫކޮށްލިއެވެ. ހަމައެކަނި އެ މަސައްކަތައް ހުސްވުމަށެވެ. އާމްދަނީ ހޯދުމަށް އާއިލާއާއެކު ގޭގައިތިބެ ކުރަން ރަނގަޅު މަސައްކަތަކަށް ވުމާއެކުއެވެ.

ދުވަހަކު ވެސް ހިތަކަށް ނާރާ އާމްދަނީ ހޯދަން މި ކަހަލަ މަސައްކަތެއް ކޮށްފާނެ ކަމަކަށް، އަދި މިކަހަލަ މަސައްކަތެއް ހާއްސަކޮށް
ހިދާ

ގދ. ތިނަދޫ އައިޝަތު ދީދީ މާލޭގައި ހިންގި އެއް މަސްދުވަހުގެ ބޭސިކް ކޯސް ނިމުމުން އޭނާގެ އެކަމަށް ހުރި ޝައުގު އިތުރުވިކަމަށް ހިދާ ކިޔައިދިނެވެ. އެހިސާބުން އޭނާގެ ހަމައެކަނި އަޒުމަކަށްވީ ދިވެހިންގެ އަގުހުރި ތާރީހީ ހަޒާނާ އުވި ދިޔަ ނުދިނުމަށް، ޒަމާނާ އެއްގޮތައް އޭގެ ބޭނުން ހިފާށެވެ. އެގޮތުން ކަސަބުގެ އަސްލު ނުގެއްލޭނެހެން ފުރަތަމަ ތައްޔާރުކުރަން ގަސްތުކުރީ ގޭތެރޭގައި އާންމުކޮށް ފެންނާނެހެން ބެހެއްޓޭނެ ތަކެއްޗަށް ދިވެހި ވަނަތްކަން ގެނައުމަށް ކަމަށް ހިދާ ކިޔައިދިނެވެ.

ހިދާނާ ކަސަބު ވިޔުމުގައި / ފޮޓޯ: ހިދާނާ

މަސްވެރިކަން ނެގުމަށަފަހު ޓޫރިޒަމަކީ ރާއްޖޭގެ ދެވަނަ މައި ނާރު ކަމަށްވާއިރު ހިދާ ތައްޔާރު ވަމުން ދިޔައީ ލޯކަލް ޓޫރިޒަމްގެ ދާއިރާއަށް ދިވެހިންގެ ދިވެހިވަންތަކަން ދައްކާލުމަށެވެ. ޓޫރިޒަމްގެ ދާއިރާއިން "ސުވެނިއާގެ" ގޮތުގައި ބޭނުން ކުރަ ފެށިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ގޭތެރޭގައި ބެހެއްޓުމަށް "މާ ޓުކުރި" ނުވަތަ "ވާސް" ހަދަންފެށިއެވެ. އެއާއެކު އަތުގައި އެޅުމަށް ބޭންޑް ހަދަންފެށިއެވެ. ލޯކަލް ޓޫރިޒަމަށް އަމާޒުކުރި ނިންމުން ބަދަލު ކުރަން ޖެހުނީ އޭނާގެ މަސައްކަތައް ދިވެހިން ޖެހުނު ލޮވެއްބާއެކުއެވެ. ހާއްސަކޮށް ދިވެހި ޒުވާނުންގެ ފަރާތުން ލިބުނު ތަރުހީބާއެކުއެވެ.

ހިދާގެ ކަސަބުން ތައްޔާރުކޮށްފައިވާ އަތުގަ އަޅާ ބޭންޑާއި ގޭތެރޭގައި ބަހައްޓާ ވާސް / ފޮޓޯ: ހިދާނާ

ހިދާގެ ދިވެހި ކަސަބު "ކުޝަން ކަވާ"

އިންސްޓަގްރާމްގައި 'ކަސަބު ބައި ހިދާ'ގެ ނަމުގައި އޭނާގެ ކަސަބުން ގަތާފައިވާ ހުނަރާއެކު ދިވެހި ޒުވާނުންގެ ލޯތައް އަމާޒުވީ އެ ތަކެއްޗަށެވެ. ހިދާގެ އެ މަސައްކަތް ބަލަމުންދިޔަ އެންމެންގެ ލޯ އަމާޒުވީ 2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ފަންނު އެކްސްޕޯއަށް، ބޯވަޅު އެޅި ލިބާހުގެ ޑިޒައިނަށް ތައްޔާރު ކުރި ކަސަބު އަޅާފައިވާ "ކުޝަން ކަވާ" ދިވެހިން ކިޔާ އުޅޭ ގޮތުން ނަމަ "ބާލީސް އުރަ" އަށެވެ.

ބޯވަޅު އެޅި ލިބާހުގެ ޑިޒައިނަށް ކަސަބު އަޅާފައިވާ ހިދާގެ "ކުޝަން ކަވާ" / ފޮޓޯ: ހިދާނާ

ދިވެހިންގެ ކަސަބު ލިބާހަށް ހިދާގެ ހިތުގައި ދީފައިވާ ގަދަރާއި ލޮވެއްބަށް ކުޑަވެސް ބަދަލެއް ނާންނަކަމުގެ ހެއްކަކީ ކުޝަން ކަވާ ތަކުން ފެން ދިވެހި ވަންތަ ކަމެވެ. އަލަށް ފެންނަ މީހަކަށް އެއީ ލިބާހެއް ނޫންކަން ބުނަން އުނދަގޫވާހާވެސް ފުރިހަމައެވެ. ކޮންމެ ގެތުމެއްވެސް އަތުރާފައި ވަނީ ލިބާހުގައި ދިވެހިން ކަސަބު އަތުރަމުން އައިސްފައިވާ ގޮތަށެވެ. އެ ޒަމާނުގެ ގޮތައް އަތުން ހަރުކޮށްފައިވާ އަތްތެރި މަސައްކަތުގެވެސް މިސާލެކެވެ.

ބޯވަޅު އެޅި ލިބާހުގެ ޑިޒައިނަށް ކަސަބު އަޅާފައިވާ ހިދާގެ "ކުޝަން ކަވާ" / ފޮޓޯ: ހިދާނާ

ލިބާހުގެ ބޯވަޅާއި ހިދާގެ ކުޝަން ކަވާގައި ކަސަބު ބޭނުންކޮށްފައި ހުންނަ ތަރުތީބު:

ކަސަބު ބޯވަޅުގައި އާންމުގޮތައްގަ ބޭނުން ކޮށްފައި އިންނަނީ 17 ފަށް ކަމަށް ހިދާ ކިޔާދިނެވެ. އެ ގެތުންތަކުގެ ތެރޭގައި ހިމެނެނީ "ހިރު" "ބަގިޔާ" އަދި ރޮދިގަނޑެވެ. މިއިން ކޮންމެ ބާވަތެއްގައިވެސް އިންނަނީ ތަފާތު ގެތުމެކެވެ. ތަފާތު ޑިޒައިނެކެވެ.

ބޯވަޅުގެ އެންމެ މަތީގައި އިންނަ ހިރު ގަތާފައި އިންނަނީ 17 ފޯލި ބޭނުން ކޮށްގެންނެވެ. ބަގިޔާ އަކަށްފަހު އަނެއްކާވެސް 9 ފޯލީގެ ހިރެއް އިންދެއެވެ. އެގޮތައް ބަގިޔާއަކާއި ހިރެއްލާ ތަކުރާރުކޮށް އިތުރު 2 ފަށެއް އަޅައެވެ. އެއަށްފަހު 17 ފޯލީގެ "ހުދު ހިރު" ނުވަތަ ފަށެއްލައެވެ. "ރޮދިގަނޑު" ކަށްފަހު އަނެއްކާވެސް ހުދު ހިރު ފަށެއް އަޅަށެވެ. އެއަށްފަހު ކުރިން ތަކުރާރުކުރި 9 ފޯލީގެ ހިރުގެ 2 ފަށާއި ބަގިޔާގެ 3 ފަށް ތިރިއަށްވާހެން އަޅާ ތަކުރާރު ކުރެއެވެ. އެއަށްފަހު ތިރީގައި ބޭނުން ކުރަނީ 21 ފޯލީގެ ހިރެކެވެ.

ލިބާހުގައި ދެ ގޮތަކަށް ތިރީ ދެ ފަށް އިނދެއެވެ. އެއީ ތިރިއަށް ކުޑަ ހުސްތަންކޮޅެއް ދޫކުރުމަށްފަހު ތުނޑު އަދި ތުނޑު ކައިރި ހިރާއި ރިހި ކުލައިގެ 2 ހިރު އަޅާ ގޮތަށެވެ. އެއީ ބޯވަޅުގައި އިންނަ ތަރުތީބު ނަމަވެސް ބައެއް ފަހަރު ތުނޑުގެ ބަދަލުގައި އެންމެ ތިރިއަށް ހުދު ރިހި ކުލައިގެ ފަށެއް ބޭނުން ކުރާ ކަމަށް ހިދާ ކިޔައިދިނެވެ.

ހިދާ ކިޔާދިންގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ގެތުންތަކުގެ ނަމުގައިވެސް ތަފާތު ތައް ހުރެއެވެ. "ބަގިޔާ" ވެސް އެކި ގޮތްގޮތައް ބޭނުން ކޮށްފައި ހުރެއެވެ. އެގޮތުން ތަފާތު ޑިޒައިނަށް މީހުން ގަތާފައި ހުންނަތަން ފެންނަ ކަމަށް އޭނާ ކިޔައިދިނެވެ. ކަސަބުގެ ބޯވަޅުގެ މެދަށްލާ ބަޔަކީ "ރޮދިގަނޑު" އެވެ. ރޮދިގަނޑަކީ އާދައިގެ ކޮޓަން ރޮދި އަދި ބާދަލާ ބޭނުންކޮށްގެން ގަތާފައި އިންނަ ފަށެކެވެ. ރޮދިގަނޑުގެ ދެފަރާތުގައި އިންނަނީ "ހުދު ރިހި" ކުލައިގެ ކަސަބު ބޭނުންކޮށްގެން ގަތާފައި އިންނަ ހިރި އެކެވެ.

ހިދާގެ ކުޝަން ކަވާގައިވެސް ކަސަބު ބޭނުން ކޮށްފައި ހުންނަނީ ހަމަ ދިވެހި ލިބާހާ އެއް އެގޮތަށެވެ. ބަތާނަލާ އަތުން ފަހައިގެންނެވެ.

ބޯވަޅު އެޅި ލިބާހުގެ ޑިޒައިނަށް ކަސަބު އަޅާފައިވާ ހިދާގެ "ކުޝަން ކަވާ" / ފޮޓޯ: ހިދާނާ

ހިދާގެ މި ބުރަ މަސައްކަތުގެ ފަހަތުގައިވާ އެންމެންނަށް އޭނާ ޝުކުރު އަދާކުރެއެވެ. ހާއްސަކޮށް އޭނާގެ އެ މަސައްކަތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެއީ ހިދާއަށް ވާނެ ކަމެއް ކަން ވިސްނައިދިން މަންމައާއި މާމައެވެ. މީގެ އިތުރުން އެ މަސައްކަތް ފުރިހަމަ ކުރުމަށް އެންމެ ކައިރީގައި އުޅުނު އެކުވެރިންނާއި ގާތްތިމާގެ މީހުންނެވެ.

ހިދާއަށް ލިބިފައިވާ ކާމިޔާބީ ތަކަށް ބާލާއިރު، ވޭތުވެދިޔަ 2 އަހަރު ތެރޭ، 2019 ވަނަ އަހަރުގެ ފަންނު އެކްސްޕޯގައި ބައިވެރިވެ، އަތްތެރި މަސައްކަތުގެ ބައިން، ކަސަބު ބޭނުން ކޮށްގެން އުފައްދާ ތަކެތީގެ ބައިން ވަނީ 1 ވަނަ ހާސިލް ކޮށްފައެވެ.

2019 ވަނަ އަހަރުގެ ފަންނު އެކްސްޕޯގައި ބައިވެރިވެ، އަތްތެރި މަސައްކަތުގެ ބައިން، ކަސަބު ބޭނުން ކޮށްގެން އުފައްދާ ތަކެތީގެ ބައިން ވަނީ 1 ވަނަ ހާސިލްކޮށްފައި / ފޮޓޯ: ހިދާނާ

މިހާރު ހިދާއަކީ ކަސަބު ވިޔުމުގެ ހުނަރުވެރިއެއްގެ އިތުރުން އެކަން ދަސްކުރަން ބޭނުންވާ އެންމެނަށް ދަސްކޮށްދޭ އެދުރެއްވެސް މެއެވެ. ކަސަބުގެ ތާރީހާ ބެހޭގޮތުން ކޯހުގައި ބައިވެރިވާ ފަރާތަތަކަށް ކިޔައިދެމުން މިއަދު ދާއިރު، އެއީ ކަސަބު ދަސްކުރުމަށް އޭނާއަށް އެންމެ ޝައުގުވެރިވި އެއް ސަބަބެވެ. ކަސަބު ގެތުމުގެ ކޯސް ހިނގަން ފެށުމުން އެކަމަށްވެސް ޒުވާނުންގެ ފަރާތުން ތަރުހީބު ލިބި އަމިއްލައަށް ދަސްކުރަން ބޭނުންވާ ކަމަށް ބުނުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް ހިދާ ބުނެއެވެ.

މިއީ ކުރަން ކިތަންމެ އުނދަގޫ މަސައްކަތަކަށް ވިޔަސް، ދަސްކުރަން ބޭނުންވާ ހަމައެކަނި އެއްޗަކީ އެކަމަށް ޝައުގުވެރިވުން ކަމަށް ހިދާ ބުނެއެވެ. ހިދާ ހުރީ ދިވެހިންގެ ދިވެހިވަންތަކަން ދައްކުވައިދޭ އެ މަސައްކަތް ދިރުވާ އާލާ ކުރުމަށް، ޒުވާން ޖީލަށް ދަސްކޮށްދިނުމަށް އަތުކުރި އޮޅާލައިގެންނެވެ. އެކަން ދަސްކުރަން ބޭނުންވާ ފަރާތަތްކަށް، ހިދާގެ ދޭން ބޭނުންވާ މެސެޖަކީ އެއީ ގޭގައި ތިބެ އާމްދަނީ ހީދަން ބޭނުންވާ ފަރާތްތަކަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. ފަށާއިރު އެއީ ބުރަ މަސައްކަތެއް ކަމަށް ހީވި ނަމަވެސް އެއީ ދަސްކުރަން ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި ހިދާ ދެކެއެވެ.