ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ވަކީލުންނާ އެކަހެރި ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މި ކަމަށް އަމުރުކޮށްފައި ވަނީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާ ދެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާއާ ގުޅިގެން ހުށެހެޅި ލިޔެކިއުންތައް ދިފާއަށް ލިބުނުތޯ ޝަރީއަތުން ސުވާލު ކުރުމުން ދިފާއުން ވަނީ އެ ލިޔެކިއުން ނުލިބޭ ކަމަށް ބުނެފައެވެ. އެގޮތުން އެ ލިޔެކިއުން ލިބިފަިއ ނުވަނީ ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައި ނުވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިކަމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ ރައީށް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭތީ އެކަމުގެ ޝަކުވާ ކަމާ ބެހޭ ހުރިހާ ފަރާތްތަކަސް ހުށަހޭޅުމުން ވެސް އެ އިންތިޒާމް ހަމަޖައްސައި ދީފައި ނުވާ ކަމަށެވެ. ނަމަވެސް، ދައުލަތުގެ ވަކީލުން ވަނީ، ރައީސް ޔާމީނާ ވަކީލުންނަށް ބައްދަލުކުރެވޭނެ އިންތިޒާމް މާދަމާ މެންދުރު 2:00 ގައި ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ބުނެފައެވެ.

ރައީސް ޔާމީނާ ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަން ހަމަނުޖެހިގެން އުޅެނީ ވަކީލުމް، ރައީށް ޔާމީނާ އެކަހެރި ބައްދަލުވުމެއް ބޭނުންވާތީއެވެ. އަދި ކޮވިޑްގެ މިހާލަތުގައި ރަށްރަށަށް ދަތުރުކުރުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، ކަރެކްޝަނުން ގައިދީންނާ ވަކީލު ބައްދަލުވުން އިންތިޒާމް ކޮށްދެނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. އެކަހެރި ބައްދަލުވުން ބޭނުންވާ ފަރާތްތަކުން މާފުއްޓަށް ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހެނީ އެ ފަރާތްތަކުން އަމިއްލައަށެވެ.

މިއަދ ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދުމާ ގުޅިގެންނެވެ. އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށް ވެސް ވެއެވެ.

މީގެ އިތުރުން ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުސް އެމަނިކުފާނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މި މައްސަލައިގެ އިސްތިއުނާފު މިހާރު ހައި ކޯޓުގައި ކުރިއަށް އެބަގެންދެއެވެ.