ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވައިގެން ފަތަން ޓްރެކެއް ހޯދައިދިނުމަށް އަދި އެހެން ކަމަކަށް ވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލަމުން ދާއިރު، ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އަދި އެ ފުރުސަތު ނުދީ، އެމަނިކުފާނުގެ އަބުރު ކަތިލުމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ކުރައްވަނީ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވައިގެން ފަތަން ޓްރެކެއް ހޯދައިދިނުމަށް އަދި އެހެން ކަމަކަށް ވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށާއި އެންމެނަށް ވެސް ލިބޭ ހައްގުތައް އެމަނިކުފާނަށް ވެސް ލިބެން ޖެހޭ ކަމަސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވީ، ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އިމްރާން ވިދާޅުވީ، ރައީސް ޔާމީން މާފުށީ ޖަލުގައި ބަންދުކުރި ދުވަހުން ފެށިގެން އެތަނުން ދޭ ހިދުމަތްތައް ވާނީ ބޮޑުތަނުން ރަނގަޅުކޮށްފައި ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރީ ސީދާ މިނިސްޓަރު އިމްރާންގެ ބެއްލެވުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު އިމްރާންއާ ބައްދަލުކޮށް، ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވަނީ އެދިފައެވެ. އެކަމުގައި އިމްރާން ވިދާޅުވީ، މާފުށި ހިއްކަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މޫދުގައި ވަރަށް ބާރު އޮއިވަރެއް އަންނަ ކަމަށެވެ. އެހެންކަމުން އެތަނަށް ރައީސް ޔާމީން ވަޑައިގަތުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ވާތީ އެތަނަށް މޫދަށް އެރެވޭނެ އިންތިޒާމް ގާއިމް ކުރަން ޓްރެކެއް އެޅުމުގެ މަސައްކަތް ފެށި ކަމަށެވެ.

ނަމަވެސް ޓްރެކް އެޅުމުގެ މަސައްކަތް ހުއްޓިފައި ވަނީ ލޮކްޑައުން ކުރުމުގެ ސަބަބުން ކަމަށާއި، މިކަމުން އަރައިގަތުމުން އެކަން ކޮށްދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދޭތެރެއިން މާފުށީ ޖަލުގައި ކަރަންޓާއި ފްރިކުއެންސީއަށް ދިމާވި މައްސަލައަކާ ހެދި ޓީވީ މެދުކެނޑިގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ޓީވީއެމްގެ ހުރިހާ ޗެނަލެއް ފެންނާނެ އިންތިޒާމް ހަމަޖައްސަވާފައި ވާއިރު، އެހެން ޗެނަލްތައް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ރައީސް ޔާމީނަށް އެއްވެސް އަސާސީ ހިދުމަތެއް އުނިނުވާނެހެން އެންމެ ފުރިހަމައަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގައި އޭނާއާ މެދު ކަންކުރި ގޮތަށް ވުރެ މާބޮޑުތަނުން ރަނގަޅަށް ކަން ކުރައްވާނެ ކަން އެމަނިކުފާނުގެ ވަކީލުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.