ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު ރެކޯޑް އަދަކަށް މީހުން ރަނގަޅު ވެއްޖެއެވެ. މިއަދު ވަނީ ޖުމްލަ 198 މީހަކު ރަނގަޅު ވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ޖުމްލަ 3208 އަށް އެރީއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން 107 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި ބަންގްލްދޭޝްގެ 29 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 3 މީހަކާއި ފިލިޕީންސް މީހެއްގެ އިތުރުން ލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި 107 މީހަކާ އެކު ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަު ވަނީ 5679 އަށް އަރާފައެެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 2449 މީހަކު ވެއެވެ. މިހާރު ހޮސްޕިޓަލުގައި 146 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1518 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. 17 ދިވެހިންގެ ތެރޭގައި 8 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސް ހުރި ރަށްރަށުގެ ގޮތުގައި 14 ރަށެއް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ހދ.ކުރިނބި، ފ. ނިލަންދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.