ލުބްނާންގެ ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވާހަރަކޮށްލި ހާދިސާއާ ގުޅިގެން އެ ޖަމާއަތުގެ 4 މީހެއްގެ މައްޗަށް ދައުވާ ކޮށް، އދގެ ތާއީދު އޮތް ޓްރައިބިއުނަލް އިއްވަފާނެ ހުކުމަކާ މެދު ކަންބޮޑު ނުވާކަމަށް، ލުބްނާންގައި ހަރަކާތްތެރިވާ ސިޔާސީ އަދި ހަތިޔާރުއެޅި ހިޒްބުއްލޯ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ބުނެފިއެވެ.

ހަރީރީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން، ސްޕެޝަލް ޓްރައިބިއުނަލް ފޮ ލެބަނަން (އެސްޓީއެލް) އިން ހިންގާ ތަހުގީގުތަކަށްފަހު ހިޒްބުއްލޯ ޖަމާއަތުގެ 4 މީހެއްގެ މައްޗަށް ހުކުމް އިއްވުމަށް އޮތް ސުންގަޑިއަކީ މިމަހުގެ 18 ވަނަ ދުވަހެވެ. މި 4 މީހުންނާ ދެކޮޅަށްވެސް ދައުވާ ކުރަމުންދަނީ ޣައިރު ހާޒިރުގައެވެ.

ޓީވީ މެދުވެރިކޮށް ވާހަކަދައްކަމުން ނަސްރުﷲ ބުނީ، އެސްޓީއެލްގެ ނިންމުންތަކަށް ޖެހިލުންވެ، ކަންބޮޑުނުވާކަމަށެވެ. މީއީ އެއްވެސް ހުކުމެއް ނުއިއްވާފަދަ ކަމެއްގެ ގޮތުގައި ދެކޭނެ ކަމެއް ކަމަށް އޭނާ ސިފަކުރިއެވެ. ލަފާކުރެވިފައި ވާ ގޮތަށް، މިމައްސަލާގައި އެ ޖަމާއަތުގެ މެމްބަރުންގެ މައްޗަށް، ނާއިންސާފުން ކުށް ސާބިތު ކުރި ކަމުގައި ވީ ނަމަވެސް، ޖަމާއަތުން ގެންގުޅޭ "މައުސޫމު" ކަމުގެ ރޫހު އެގޮތުގައި އޮންނާޏެ ކަމަށް ނަސްރުﷲ ވަނީ ބުނެފައެވެ.

ނެދަލަންޑްސްގައި ބަލަމުންދާ މިމައްސަލަ ބަލަމުންދާ ގޮތުގައި އިންސާފު އޮތް ކަމާއެކު ނަސްރުﷲ ވަނީ ތަކުރާރުކޮށް ސުވާލު އުފައްދާފައެވެ. އަދި އެކަމަށް އޮތް ހައިސިއްޔަތާ މެދުވެސް އޭނާ ސުވާލު އުފައްދައެވެ.

2005 ވަނަ އަހަރުގެ ބޮމުގެ ހަމަލާއެއް ދީގެން ރަފީގު ހަރީރީއާ އިތުރު 21 މީހެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާގައި ހިޒްބުއްލޯގެ މެމްބަރުންގެ މައްޗަށް ދައުވާ އުފުލީ 2014 ވަނަ އަހަރުއެވެ.