އިއްޔެ އިންޑިއާއިން ރާއްޖެއަށް ދިން 750 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.75 ޕަސަންޓު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އިންޑިއާގެ ލޯނުތަކަކީ ވަރަށް ކުޑަކުޑަ އިންޓްރެސްޓެއްގައި ލިބުނު ލޯނުތަކެއް ކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ، އިންޑިއާ ލޯނުތައް ހުރީ ޗައިނާއިން ނެގި އިންޓްރެސްޓަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ކަމަށެވެ.

އިންޑިއާއިން އިއްޔެ ރާއްޖެއަށް ދޭން ނިންމި މާލީ އެހީގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައިގަންނަން، ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރާއި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.

އިއްޔެ އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ ޕެކޭޖެއް ވަނީ ދީފައެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާން ކުރެވުނު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއެކުރީ 2019 ވަނަ އަހަރުގެ މާޗް މަހުއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާއިން އިއްޔެ ދިން އެހީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އިއްޔެ އަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ފާހަގަ ކޮށްލެވޭ ދުވަހެއް ކަމަށެވެ. ހަމަ މިމޭރުމުން އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ރާއްޖެއާއި އިންޑިއާ އާ ދެގައުމުގެ ގުޅުން އިންޑިއާ ކަނޑުހާ ފުން ކަމަށެވެ.

ރާއްޖެއިން ޗައިނާއާއި އަދި އިންޑިއާއިންވެސް ލޯން ނަގާއިރު، 2 ޕަސަންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި މީގެ ކުރިން ލޯނު ދީފައި ވާކަމުގެ މައުލޫމާތެއް ފެންނާކަށް ނެތެވެ. އާންމުކޮށް ނަގާފައި ހުރި ލޯނުތައް ހުރީ 2.5 ޕަސެންޓާއި 6 ޕަސެންޓާ ދެމެދުގެ އިންޓަރެސްޓާއެކުގައެވެ.