ޗައިނާ އިން ލޯނު ނަންގަވާނެ ކަމަށާއި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓް ތަކަށްވެސް މަރުހަބާ ވިދާޅުވާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެއްވެސް އިރަކު ޗައިނާ އަކީ މައްސަލަ އަކަށް ވެފައި ނޯންނާނެ ކަމަށާއި ނަމަވެސް ރާއްޖެ ބޭނުން ކުރުމަށް ޗައިނާއަށް ޖާގަ ނުދޭނެ ކަމަށެވެ. އަދި އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ރާއްޖެއާ ކައިރި ހުރިހާ ގައުމަކާ ވިޔަފާރީގެ ގުޅުން ބަދަހި ކުރައްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ޗައިނާގެ ލޯނާ ދޭތެރޭ އުފެދޭ ސުވާލަކީ ދުނިޔޭގެ އެހެން ސަރަހައްދު ތަކުގައި ވެސް ހިންގަމު ންދާ ކަންތައްތަކުގެ ސަބަބުން އުފެދޭ ސުވާލު ކަމަށާއި ސަބަބަކީ ޗައިނާއިން ލޯނު ނަގާފައިވާ ބައެއް ގައުމުތަކުން ލޯނު ނުދެއްކުމުން ޗައިނާއަށް އެ ގައުމުތަކުގެ ބައެއް ލިބުން ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑުމެން ޗައިނާ އަތުންވެސް ހަމަ ލޯނުވެސް ނަގާނަން، އަދި ޗައިނާގެ އިންވެސްޓްމެންޓްތައްވެސް ރާއްޖެއަށް އަންނަން ހަމަ މަރުހަބާ، އަދި އަޅުގަނޑުމެންގެ ވަރަށް ގާތް ގުޅުމެއްވެސް ހަމަ ޗައިނާއާ އެއްކޯށްވެސް އެބަ ގެންދެވޭ"
ފައްޔާޒު

މީގެ އިތުރުން ފައްޔާޒް ވަނީ އިންޑިއާގެ ލޯނުތަކަކީވެސް ވަރަށް ކުޑަކުޑަ އިންޓްރެސްޓް ހުރި ލޯނުތަކެއް ކަން ފާހަގަ ކުރައްވާ ޗައިނާއިން ނެގި އިންޓްރެސްޓަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި އިންޑިއާއިން ލޯނު ދީފައިވާކަން ފާހަގަ ކުރައްވާފައެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރާފައި ވާކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ޗައިނާއަށް ފާޑު ކިޔާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީ އަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާ އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް އެމްޑީޕީގެ ރައީސް، ރައީސް މިހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަދު އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ ޕެކޭޖެއް ލޯނުގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މާލެ-ތިލަފުށި ބްރިޖު އަޅަން 500 މިލިއަން ޑޮލަރާއި، ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އާކޮށްދިނުމުގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން އިންޑިއާ އިން މިއަދު ވަނީ ހާމަކޮށްފައެވެ.