ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދާތީ ހާލުބޮޑުވާ ބަލި މީހުންނަށް ބޭނުންވާނެ އަދަދަށް ވެންޓިލޭޓަރު ހޯދުމަށް މެޑްޓެކް މޯލްޑިވްސްއިން ރާއްޖެއަށް ގެންނަން ހަވާލު ވި ވެންޓިލޭޓަރުތަކުގެ ތެރެއިން އައިސީޔޫ 14 ވެންޓިލޭޓަރު އިއްޔެ ގެނެސްފިއެވެ.
މި 14 ވެންޓިލޭޓަރު ގެނައުމާއެކު، އެ ކުންފުންޏާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ ގެނެވުނީއެވެ. އެ ކުންފުންޏާ ހަވާލުކުރީ ރާއްޖެއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ.
ސަރުކާރުން މެޑްޓެކްއާ ހަވާލު ކުރީ 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ. އަދި 1.3 މިލިއަން ރުފިޔާއަށް 26 ވެންޓިލޭޓަރެއް ގެންނަން ނާޑް ކުންފުންޏަށް ވެސް ވަނީ ހަވާލު ކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެތަކެތި ވަރަށް އަވަހަށް ބޭނުން ވާތީ އެ ކުންފުނިތަކާ ހަވާލު ކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުންނެވެ.
މީގެ އިތުރުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމުގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ވެސް ހަމަޖައްސާފައި ވެއެވެ. އެ ކުންފުނި މެދުވެރިކޮށް މިހާތަނަށް 10 ވެންޓިލޭޓަރު ލިބިފައި ވާއިރު، ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދުބާއީ ކުންފުިން ގެންނަން ޖެހޭ ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް އެ ކުންފުނިން ޑިމާންޑް ކުރާތީ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ބުނެފައެވެ. އެ ސެންޓަރުން ބުނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދައްކަން ދުބާއީ ކުންފުނިން އެދެމުން ދިޔަ ނަމަވެސް އެގޮތަށް ނުހަދައި ފައިސާގެ ކަންކަން ނެގޯޝިއޭޓް ކުރުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ކޮވިޑްގެ ތެރޭގައި ރާއްޖޭގައި އެންމެ ބޮޑުވި އެއް މައްސަލައެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ ބަލާފައެވެ. އަދި ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ހެލްތު މިނިސްޓްރު އަބްދުﷲ އަމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.