އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު 7 މަޝްރޫއެއް ފަށަން ނިންމާފައިވާއިރު އޭގެތެރެއިން ހުޅުމާލޭގައި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު 7 މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު މިއަދު މަޝްވަރާކުރައްވާފަިއވާ ކަމަށެވެ.

ކްރެޑިޓް ލައިންގެ ދަށުން ހިންގާ 7 މަޝްރޫއަކީ:

  1. 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުން
  2. އައްޑޫގެ ތަރައްގީގެ މަޝްރޫއި (މަގު ހެދުން، އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުން، ބިން ހިއްކުން)
  3. ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުން
  4. ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
  5. ހުޅުމާލޭގައި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުން
  6. ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުން
  7. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން

ހުޅުމާލޭގައި 100 އެނދުގެ ކެންސާ ހޮސްޕިޓަލެއް ގާއިމް ކުރަން ނިންމާފައިވާ އިރު، ރާއްޖޭގައި މިހާރުވެސް ކެންސަރު ބަލިތަކަށް ފަރުވާ ހޯދާ ގިނަ ބަޔަކު ތިބެއެވެ. އެ ގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އާސަންދައިގެން ފަރާތުން ދަނީ މީހުން ބޭސްކުރަން ދަނީ އިންޑިއާއަށެވެ. އެހެންކަމުން ރާއްޖޭގައި މިފަދަ ހޮސްޕިޓަލެއް އެޅިގެން ދިއުމަކީ އެތައް ދިވެހިންތަކެއްގެ އުންމީދެވެ.

ރައްޔިތުންނާ ގުޅިފައިވާ، އަދި މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ 7 މަޝްރޫއު ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ދެ ގައުމުގެ ހާރިޖީ ވަޒީރުން ވެސް ވަނީ އެ މަޗްވަރާ ބައްދަލުވުމުގައި ފާހަގަކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެވުނު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއެކުރީ 2019 ވަނަ އަހަރުގެ މާޗް މަހުއެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްފައިވެއެވެ. މި ޕްރޮޖެކްޓްތައް ހިންގަނީ 18 އަތޮޅެއްގެ 74 ރަށެއްގައެވެ.