މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގައި ދުވަސްތައް ގުނުމަށް މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި، އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތަކަށް، އެކަށީގެންވާ ގޮތުގައި ނަފްސާނީ ފަރުވާގެ އެހީ ލިބިދޭން ޖެހޭ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައިވަނީ އެމެރިކަން ލަންގް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިވެންޓެއްގައެވެ.

އެންމެންނަކީ އެންމެ ފުރިހަމައަށް ނުވަތަ އެއްވެސް ވަރަކަށް އިންޓެނެޓް ލިބޭ ބަޔަކަށް ނުވާއިރު، ޓެލެހެލްތް ނުވަތަ ފޯނު ސެޝަން މެދުވެރިކޮށް ނަފްސާނީ ބަލީގެ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދެވެން ޖެހޭ ކަމަށް އެމެރިކާގެ ނޭޝަނަލް އެލާޔަންސް އޮން މެންޓަލް ހެލްތްގެ މެޑިކަލް ޑައިރެކްޓާ ކެން ޑަކްވޯތު ވަނީ ފާހަގަކުރައްވާފައެވެ.

ހޯވާޑް ޔުނިވާސިޓީ ކޮލެޖް އޮފް މެޑިސިންގެ ސައިކޭޓްރީ އެންޑް ބިހޭވިއަރަލް ސައެންސަސް ޕްރޮފެސާ ޑރ ޓީޝް ހޯލް ބްރައުން ވިދާޅުވީ، ކުޑަކުދިންނާ ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ހާލަތު ގަވައިދުން ބެލުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.

ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންޒައިޓީގެ ޕޭޝަންޓުން އުފުލާ ތަކުލީފު ބޮޑުވެ، ޖިސްމާނީ ގައިދުރުކަމާއެކު އެކަހެރިކަން އިހުސާސް ކުރެވި، ނަފްސާނީ ބަލީގެ އުނދަގޫ އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.