އެޗްޕީއޭއިން އޮތީ ކޮވިޑާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތާއި އިރުޝާދުދޭން ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭ އިރުޝާދުތައް އަޑު އެހުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އެދިލައްވައިފިއެވެ.

ޑރ. ނަޒްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާއި އެހެންވެސް ޕްލެޓްފޯމްތަކުގައި ކޮވިޑްއާއި ގުޅޭ ރަނގަޅު ނޫން މައުލޫމާތު ބައެއް މީހުން ޝެއާކޮށް ހަދާ ކަމަށެވެ.

އެގޮތުން އެބޭފުޅުން މި ތިބީ އާންމުންނަށް މިކަމާގުޅޭ އެންމެ ފުރިހަމަ މައުލޫމާތާއި އިރުޝާދުދޭން ކަމަށާއި އެހެން ކަމުން އެޗްޕީއޭގެ އިރުޝާދު އަޑު އެހުމަށް ވެސް ޑރ. ނަޒްލާ ވަނީ އެދިލައްވާފައެވެ.

އިއްޔެ 143 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހުންނާއި ނޭޕާލްގެ 3 މީހެއްގެ އިތުރުން ސްރީލަންކާގެ 2 މީހަކާއި އިޖީޕްޓްގެ އެކަކެވެ.

މިހާރު ކޮވިޑް ބަލީގައި 2461 މީހަކަށް ފަރުވާ ދެމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި 150 މީހަކަށް ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5366 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.