ކޮވިޑް-19 ގެ މިހާލަތުގައި އަމަލު ކުރަމުންދާ އުސޫލޫތަކާ ހިލާފްވާ ފަރާތްތަކުގެ ތެރެއިން މާސްކް ނާޅާ ބޭރުގައި އުޅޭ މީހުންގެ ތެރެއިން ޖުމްލަ 475 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަްޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާސްކަ ނާލާ ބޭރުގައި އުޅުނު 41 ފަރާތެއް ޖޫރިމަނާކޮށް 94 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި މާސްކް ނާލާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށިފަހުން މިހާތަނަށް ޖުމްލަ 475 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާސްކު ނާޅާ ނަމަ ޖޫރިމަނާގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކަ އަޅަން ޖެހެނީ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާ ބަޔަކު އުޅެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކު އަޅާއި މާސްކު ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރުމަށް ނިކުމެ އުޅޭ ވަގުތު ކަސްރަތު ކުރާ މީހުންނެވެ.
މާސްކު އަޅާއިރު، މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެއީ އަމިއްލަ ރައްކާތެރި ކަމަށްޓަކައި ހުރުން ލާޒިމް ސިފަތަކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މާސްކް އެޅުން މަޖުބޫރު ކޮށްފައި ވާއިރު، ޒަރޫރީ ބޭނުމަށް ނޫނީ ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.
މާސްކް ނާޅާ ބޭރުގައި އުޅޭ ނަމަ ޖޫރި މަނާ ކުރުމަށް ނިންމާފައި ވާއިރު، މާސް އެޅުން މަޖުބޫރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނެޝަނަލް ޓާސްކް ފޯހުގެ ބައްދަލުވުމުގައެވެ. އެގޮތުން މިކަން އާންމުކޮށް ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ އެހެން މީހުންނާއި ތިމާގެ ރައްކާތެރިކަމަށްޓަކައި މާސްކު އެޅުން މަޖުބޫރުކޮށް، ކޮންމެހެން ދާން ޖެހޭ ތަނަކަށް މެނުވީ ނުދިއުމާއި، ކޮންޓެކްޓްވާ މީހުންގެ އަދަދު މަދުކުރުމާއި އެކު ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
ބަލަގަ މާސްކު ގަންނަން ލާރި ނެތީމަ ކިހިނެއް މާސްކު އަޅާނީ ޖޫރިމަނާ ކުރިޔަސް