ޅ. ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިކަން ހެތްލް އިމްޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ.

ނައިފަރު މޮނިޓަރިންގެ ހާލަތައް ލާފައި ވަނީ އެރަށު ބޯއްޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. މިއަދު އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ 34 އަހަރުގެ ބިދޭސީއެކެވެ.

އެރަށުން ކައުންސިލުން ބުނެފައި ވަނީ އެ މީހާގެ ކިބައިން ކޮވިޑްގެ އަލާމާތް ފެނުމުން ހެދި ޓެސްޓުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ މިއަދު އެ ރަށުން ޕޮޒިޓިވްވި މީހާއަކީ ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެއް ނޫންކަމުން، އޭނާ ވަނީ ގިނަ ބަޔަކާއި ކޮންޓެކްޓްވެފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތަކުގެ ގިނަ ބަޔަކާއި ބައްދަލުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނައިފަރު ކޮވިޑް ފެނުމުން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 13 ރަށެއް ވަނީ ހިމެނިފައެވެ. އެއީ ޅ.ނައިފަރުގެ އިތުރުން ހއ.ކެލާ، ހއ.ފިއްލަދޫ، ރ.ހުޅުދުއްފާރު، ބ.ކުޑަރިކިލު، ކ.މާފުށި، ހއ.އިހަވަންދޫ، ހދ.ނާވައިދޫ، ބ.ކަމަދޫ، ޅ.ހިންނަވަރު، ވ.ފުލިދޫ، ޏ.ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 5223 އަށް އަރާފައިވާއިރު، 2849 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ.