އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ މީހަކު މިއަދު މަރުވެފައިވާ އިރު، އޭނާ މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިއާއަށް ފަރުވާއަށް ދިޔަ ފުރަތަމަ ބެޗްގެ މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައި ވަނީ ކޮވިޑް ބަލި ޖެހިގެން ނޫން ކަމަށާއި އޭނާއަށް ޖެހިފައިވާ ބަލީގައި ކަމަށް އާޝިޔާ ވިދާޅުވިއެވެ.

ކޮވިޑް އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރި ފަހުން ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް މީހުން ގޮވައިގެން ފުރި ފުރަތަމަ ފްލައިޓް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ފްލައިޓިގައި 28 ދިވެހިން ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. ފުރަތަމަ ބެޗްގައި އިންޑިއާއަށް ދިޔަ މީހުން ބޭސްފަރުވާ ކުރަން ހަމަޖެހިފައި ވަނީ ކިމްސް ހޮސްޕިޓަލުންނާއި އަމްރިތާ ހޮސްޕިޓަލުންނެވެ. ނަމަވެސް މިއަދު މަރުވި މީހާއަކީ ކޮން ހޮސްޕިޓަލަކަށް ފަރުވާ ހޯދަން ދިޔަ މީހެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

އިއްޔެ ވެސް ވަނީ އިންޑިއާއަށް ބޭސްފަރުވާ ކުރަން ދިޔަ 11 މަހުގެ ކުއްޖަކު މަރުވެފައެވެ. އެ ކުއްޖާއަކީ ނޭވާ ލުމުގެ މައްސަލަަތަކަކަށް ފަރުވާ ހޯދަމުން ދިޔަ ކުއްޖެކެވެ.

މީގެ އިތުރުން އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ ތިން ދިވެއްސަކު މީގެ ކުރިން ވަނީ މަރުވެފައެވެ. އާސަންދައިން ބުނީ އެތިން މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.