ރާއްޖެއަކީ އިންޑިއާއާއި ޗައިނާއާ ދެމެދު ރޯވެފައިވާ އަލިފާންގަނޑަށް ދަރުއަޅާ ބަޔަކަށް ވެއްޖެ ނަމަ ރާއްޖެއަކީ އެ ދެގައުމުގެ ދުޝްމަނަކަށް ވެދާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ބަނަވެފައިވާ ދުނިޔެއެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާންވާނީ ހުރިހާ ގައުމުތަކަކާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ހޯދުން ކަމަށެވެ. އަދި އިންޑިއާއާއި ޗައިނާގެ ދެމެދުގައި ރޯވެފައިވާ އަލިފާނަށް ދަރުއަޅާ ބަޔަކަށް ދިވެހިން ވެއްޖެ ނަމަ ދިވެހިންނަކީ އެ ދެ ގައުމުގެ ދުޝްމަނަކަށް ވެދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފަކީ ރައީށް ޔާމީނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވައިފާ ބޭފުޅެކެވެ. އިންޑިއާ އަދި ޗައިނާއާ މެދު ރާއްޖެއިން ބާއްވާ ގާތް ގުޅުމަށް ބަލާއިރު މި ސަރުކާރުން އެންމެ ބޮޑު ގާތްކަމެއް ބާއްވާ އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ގިނަ އެއްބަސްވުންތަކެއް ވަނީ ބަދަލުކޮށްފައެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ބޮޑު ގާތްކަމެއް ބާއްވާފައި ވަނީ ޗައިނާއާ އެކުގައެވެ. އެ ގޮތުން މި ދިޔަ ސަރުކާރުން ފްލެޓް އެޅުމަށާއި ސިނަމާލެ ބްރިޖު އެޅުން ފަދަ އުމްރާނީ ގިނަ މަސައްކަތްތަކަށް ޗައިނާއިން ލޯނު ނަގާފައިވެއެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުމުގައި އެ ދެގައުމުގެ ދެމެދުގައި އޮތް ގައުމަކަށް ރާއްޖެ ވެދާނެ ކަމީ ބިރުވެރިކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާ އިރު، އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު މައްސަލާގައި ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.

މި ދިޔަ ޖޫން މަހުގެ ތެރޭގައި އެ ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދަށް އިންޑިއާ ސިފައިން ވަދެފައި ވާކަމަށް ޗައިނާ އިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ އިންޑިއާ ސިފައިން އެގޮތަށް އަމަލުކުރުމުގެ ސަބަބުން، ދެ ގައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި، އިންޑިއާ ސިފައިންގެ ތިން މީހަކުވެސް ވަނީ މަރުވެފައެވެ.