ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު މެންދުރު ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވަނީ މިހާރުގެ ހާލަތަށް ބަލައި އެ ބަޔާންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މެންބަރުން ހިޔާލުފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ވާހަކަ ދައްކަވައި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.