ސ ހިތަދޫން 3 ވަނަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމްޖެންސީ އޮޕްރޭޝަން ސެންޓްރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވް ވެފައި ވަނީ 21 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ކޯވިޑަށް ޓެސްޓު ކުރި މީހެއް ކަމަށެވެ.

މީއީ އައްޑޫ ސިޓީން ޕޮޒިޓިވްވި 4 ވަނަ މީހާއެވެ. އަދި ހިތަދޫން ޕޮޒިޓިވްވި 3 ވަނަ މީހާއެވެ.

އައްޑޫ ސިޓީން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ މިމަހުގެ 8 ވަނަ ދުވަހެވެ. އެއީ އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަަރަންޓީނުގައި ހުރި ފުލުހެކެވެ. އެއަށްފަހު މި މަހުގެ 9 ވަނަ ދުވަހު ވަނީ ހިތަދޫން އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ބިދޭސީއަކާއި ދިވެއްސެކެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 12 ރަށެއް ހިމެނެއެވެ. އެއީ ހއ.ކެލާ، ހއ.ފިއްލަދޫ، ރ.ހުޅުދުއްފާރު، ބ.ކުޑަރިކިލު، ކ.މާފުށި، ހއ.އިހަވަންދޫ، ހދ.ނާވައިދޫ، ބ.ކަމަދޫ، ޅ.ހިންނަވަރު، ވ.ފުލިދޫ، ޏ.ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 5157 އަށް އަރާފައިވާއިރު، 2835 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 20 މީހަކު ވަނީ މަރުވެފައެވެ.