ކޮވިޑް-19 ޖެހިގެން 67 އަހަރުގެ މީހަކު ނިޔާވެ، ރާއްޖެއިްނ މި ބަލީގަިއ ނިޔާވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިއަދު މެންދުނު 12:12 ހާއިރު އައިޖީއެމްއެޗް އީއާރްގައި އޮތް 67 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 20 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 5 ބިދޭސީންނެވެ. 15 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި 89 އަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ އަންހެނަކާއި 67 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް އައިއިރު، ރާއްޖެއިން މިބަލިޖެހިފަިއވާ މީހުންގެ އަދަދު 5157 އަށް އަރާ، 2835 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގަިއި 2303 ކޭސް އުޅޭއިރު އޭގެތެރެއިން 145 މީހުން ވަނީ ހޮސްޕިޓަލުގައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ، 1452 މީހެކެވެ.