ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލްގެ މެމްބަރު ރައްޒާނު ޒަރީރު ވިދާޅުވީ މަރުވެފައި ވަނީ 72 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ހޯމް ކަރަންޓީނުގައި ވަނިކޮށް ހާލު ދެރަވުމާ ގުޅިގެން ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ކަމަށް ރައްޒާނު ވިދާޅުވިއެވެ.

މަރުވި އަންހެން މީހާ ރަށަށް ހޯމް ކަރަންޓީނަށް ގޮސްފައި ވަނީ މިމަހު 8 ވަނަ ދުވަހުއެވެ. އަދި އެމީހާއަކީ އިންޑިއާއަށް ކެންސަރަށް ފަރުވާ ހޯދުމަށް ދިޔަ މީހެކެވެ.

ރައްޒާނު ވިދާޅުވީ އެމީހާ މަރުވުމާ ގުޅިގެން ކޮވިޑަށް ސާމްޕަލް ނަގާފައި ވާކަމަށެވެ. އަދި ޓެސްޓްކުރުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ސާމްޕަލް ފޮނުވާފައި ވާ ކަމަށް ރައްޒާނު ވިދާޅުވިއެވެ.

އެމީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދާނީ ސާމަޕްލްގެ ނަތީޖާ ލިބުން ކަމަށް ރައްޒާނު ވިދާޅުވިއެވެ. ރައްޒާނު ވިދާޅުވީ އެމިހާގެ ނަތީޖާ ނެގަޓިވް ވެއްޖެ ނަމަ އާންމު އުސޫލުން ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދާނެ ކަމަށެވެ.