އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ވާ ތަންތަން އިންސްޕެކްޓްކޮށް ބަންދު ކުރަމުން އަންނަ އިރު، އެ ތަންތަނުގެ ތެރެއިން މިހާތަނަށް ނުހުޅުވި ހުރީ 7 ތަނެއް ކަމަށް އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެސްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަހުމަދު ނާސިރު ވިދާޅުވީ، އެޗްޕީއޭގެ ފަރާތުން ހިންގި އިންސްޕެކްޝަންގެ ތެރެއިން ގައިޑްލައިނާ އެއްގޮތަށް ހިނަގަމުންދާ ތަންތަނަށް އެޗްޕީއޭގެ ފަރާތުން ސްޓިކާއެއް ދީފައި ވާނެ ކަމަށެވެ. އަދި ގައިޑްލައިނަށް ފޮލޯ ނުކުރާ ތަންތަނަށް ބަންދު ނޯޓިސް ދިނުމަށްފަހު އެތަންތަން ބަންދުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންދު ކުރި ތަންތަން ހުޅުވުމުގައި އެޗްޕީއޭއިން ފޮލޯ ކޮށްފައިވާ ގޮތަކީ އެ ތަނެއް ބަންދު ކުރި ދުވަސް ނޫން އަނެއް ދުވަހު އެތަން ހުޅުވުން ކަމަށް ނާސިރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ނުހުޅުވި ހުރީ 7 ތަނެއް ކަމަށާއި އެއީ 2 ފިހާރައާއި 2 ސެލޫނާއި ކާބޯތަކެތީގެ ހިދުމަތް ދޭ 3 ތަނެއް ކަަމަށް ނާސިރު ވިދާޅުވިއެވެ.

ބަންދު ކޮށްފައިވާ ދެ ސެލޫންގެ ތެރެއިން އެއް ސެލޫން ނުހުޅުވާ އެހުރީ އެތަން އަދިވެސް މިންގަނަޑަށް ނުފެތޭތީ ކަމަށް ނާސިރު ވިދާޅުވިއެވެ. އިތުރަށް ހުރި 6 ތަން ނުހުޅުވާ ހުރީ ވެރިފަރާތުން އެތަން ހުޅުވުމަށް އެދިފައި ނުވާތީ ކަމަށް ނާސިރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މުޅި ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ ތަންތަން އިންސްޕެކްޓް ކުރުމަށް 2 މީހުން ހިމެނޭ 9 ޓީމަކުން މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން މިމަހުގެ 8 އާ ހަމައަށް ކޮންމެ ޓީމަކުންވެސް ދުވާލަކު ޖުމްލަ 20 ތަން އިންސްޕެކްޓް ކުރަމުން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ކުރި އިންސްޕެކްޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މާލެއިން ޖުމްލަ 1179 ތަން ބަލައި ފާސްކޮށްފައި ވާ އިރު އޭގެ ތެރެއިން 204 ތަން ވަނީ ބަންދުކޮށްފައެވެ. ހުޅުމާލޭގައި ޖުމްލަ 296 ތަން ބަލައި ފާސްކޮށްފައި ވާ އިރު އޭގެތެރެއިން 48 ތަން ވަނީ ބަންދު ކޮށްފައެވެ. ވިލިމާލޭގައި ޖުމްލަ 51 ތަން ބަލައި ފާސްކޮށްފައިވާ އިރު އޭގެ ތެރެއިން 3 ތަން ވަނީ ބަންދު ކޮށްފައެވެ. ތިލަފުށިން 17 ތަން ބަލާ ފާސްކޮށްފައި ވާ އިރު އޭގެތެރެއިން 3 ތަން ވަނީ ބަންދު ކޮށްފައެވެ. އަދި ހުޅުލޭ އެއާޕޯޓުގެ ތަންތަން ބަލާ ފާސްކޮށްފައިވާ އިރު އެ ސަރަހައްދުން އެއްވެސް ތަނެއް ބަނދުކޮށްފައެއް ނުވެއެވެ.