އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ ލެބްގެ 2 ޓެކްނީޝަނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް ލެބްގެ ދެ ޓެކްނީޝަން ޕޮޒިޓިވް ވެފައި ވަނީ އިއްޔެވެ. އިއްޔެ ޕޮޒިޓިވްވި ދެ ޓެކްނީޝަނާއެކު މިހާރު ޖުމްލަ އައިޖީއެމްއެޗު ލެބްގެ ތިން ޓެކްނީޝަނުން މިވަނީ ޕޮޒިޓިވް ވެފައެވެ.

ކުރިން ޕޮޒިޓިވްވި ކޭސް އާ ގުޅިގެން ހަތަރު މީހަކު ކަރަންޓީނަށް ގެންގޮސްފައި ވާއިރު އިއްޔެ ޕޮޒިޓިވް ވި ދެ ކޭސް އާ ގުޅިގެން ކަރަންޓީނަށް ގެންގޮސްފައި ވަނީ ކިތައް މީހުން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އައިޖީއެމްއެޗްގެ ލެބް 3 ޓެކްނީޝަނެއް ޕޮޒިޓޮވް ވެފައި ވާއިރު، އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ދެ ނަރުހެއް ވެސް ވަނީ މީގެ ކުރިން ޕޮޒިޓިވް ވެފައެވެ. މީގެ ކުރިން އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މި ދެ ކޭސްއާ އެކު މިހާރު އައިޖީއެމްއެޗްގެ ކޭސް މި ވަނީ 20 އަށް އަރާފައެވެ. އެއީ 11 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިންނެވެ.

އިއްޔެ ކޮވިޑަށް ރާއްޖެއިން 143 މީހުން ޕޮޒިޓިވް ވެފައި ވާއިރު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5041 އަށް އަރާފައެވެ. މިހާތަނަށް އައިއިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.