ސަރުކާރާއި މަޖިލީހަށް ބާރު ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރެވޭ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން ބިލެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެޓާނީ ޖެނެރަލް އޮފީހަށް ލަފާދޭން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބްރޯޑް ކާސްޓިންގް ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލައި މީޑިއާ ކޮމިޝަނެެއް އުފެއްދުމަށާއި އެ ކޮމިޝަނަށް މެންބަރުން އައްޔަންކޮށް އަދި ވަކިކުރުމުގެ ބާރު ސަރުކާރާއި މަޖިލީހަށް ބާރު ލިބޭ ގޮތަށް ބިލެއް އެކުލަވާލުމަށެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަން ނިންމައި އެކަމާ ގުޅޭ މަސައްކަތް ކުރިއަށް ގެންދަން މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލިއެވެ. މިއަދު ކޮމިޓީގައި ވަނީ ސަބް ކޮމިޓީން ހޯދި ހޯދުންތަކާއި ފާހަގަ ކުރެވުނު ނުކުތާތައް ހުށަހަޅާފައެވެ. ސަބް ކޮމިޓީގެ މުގައްރިރު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އެގޮތަށް ނިންމީ މީޑިއާގެ ފަރާތްތަކާއި މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއާ ވެސް ބައްދަލުކުރުމަށް ފަހު ކަމަށެވެ.

ސަބް ކޮމިޓީން އެކުލަވާލި ސިޓީގައި ބުނެފައި ވަނީ ބްރޯޑްކޮމްއާ މީޑިއާ ކައުންސިލް އަދި އައިކޮމް އެއް މުއައްސަސާއަކަށް ބަދަލުކުރަން ފެންނަ ކަމަށެވެ. އެ ތިންތަން އެއްކޮށްލާފައި މީޑިއާ ކޮމިޝަނުގެ ނަމުގައި ފަސް މެންބަރުން ހިމެނޭ މުއައްސަސާއެއް އުފައްދަން ފެންނަ ކަމަށާއި އެ މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަމަށް ވެސް އެ ސިޓީގައި ބުނެއެވެ.

ހަމައެއާއެކު އެ ކޮމިޝަނު ޖަވާބުދާރީ ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އަދި މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ދޭ ގޮތަށް އެ ސިޓީގައި ބުނެއެވެ. އެކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި މީޑިއާތަކަށް ލައިސަންސް ދޫކުރުމާއި، ފިޔަވަޅު އެޅުމާއި މީޑިއާތައް އުވާލުމުގެ ބާރު ހިމެނެއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މީޑިއާ ކޮމިޝަނަށް ލަފާދޭ ބޯޑެއް އެކުލަވާލަން ފެންނަ ކަމަށް ވަނީ ހިމަނާފައެވެ. އެ ބޯޑަކީ މީޑިއާތަކުގެ މެދުގައި އިންތިހާބު ކުރެވޭ މެންބަރުން އެކުލެވޭ ބޯޑަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ހަމައެއާއެކު މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އަދި އައިކޮމްގެ މުވައްޒަފުން މީޑިއާ ކޮމިޝަނުގެ ދަށަށް ބަދަލުކުރަން ވެސް އެ ސިޓީގައި ހިމަނާފައި ވެއެވެ.

އެ ބޯޑުގައި ތިބޭނީ 7 މެންބަރުން ކަމަށާއި ބޯޑުގައި ހިމެނޭނީ މީޑިއާއަކުން ގިނަވެގެން އެއް މެންބަރު ކަމަށާއި ބޯޑަކީ ސިޓިން ބޯޑެއް ކަމަށާއި މުސާރައިގެ ގޮތުގައި ދެވޭނީ ސިޓިންގް އެލަވަންސެއް ކަމަށް ޝަފީގު ވިދާޅުވިއެވެ. އެގޮތަށް ހިމަނަން ނިންމީ މީޑިއާ ކޮމިޝަން އެކުލަވާލެވިގެން ދާއިރު ވެސް މީޑިއާތައް ތަމްސީލު ކުރާނެ ބަޔަކު ތިބޭނެކަން ޔަގީން ކުރުމަށް ކަމަށް ޝަފީގު ވިދާޅުވިއެވެ.

މީޑިއާ ކޮމިޝަން އެކުލަވާލަން ޖެހޭ ގޮތަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އޭޖީ އޮފީހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.