މިއުޒިކީ އުދަރެހުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ފަންނާނު ކަމަށްވާ ސައިމަން ކޮވެލް ދިރިއުޅެމުންދިޔަ ގޭގައި ހިނގި އެކްސިޑެންޓެއްގައި އޭނާގެ މައިބަދަ ބިނިދިއްޖެއެވެ.

އުމުރުން 60 އަހަރުގެ ސައިމަން ކޮވެލްގެ މައިބަދަ ބިނދިފައިވަނި ލޮސްއެންޖަލިސްގައި އޭނާ ދިރިއުޅެމުންދިޔަ ގޭގައި، އިލެކްޓްރިކް ސައިކަލެއް ދުއްވަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ވެއްޓިގެން ކަމަށް ޚަބަރު ލިބެއެވެ.

ޓީވީ ސްކްރީންތަކުގެ ހިޓް ޝޯތަކެއްގެ ގޮތުގައި ސިފަކުރަމުން އަންނަ "ދި އެކްސް ފެކްޓާ" އާއި "ބްރިޓަންސް ގޮޓް ޓެލެންޓް" ފަދަ ޝޯތަކުގައި ޖަޖުކަން ކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ސައިމަން ކޮވެލްގެ މި އެކްސިޑެންޓަށްފަހު އޭނާއަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ކުރިއަށް އޮތް ހަފުތާއަކީވެސް ސައިމަން ކޮވެލްއަށް "ބުރަ" ހަފުތާއެކެވެ. އެގޮތުން "އެމެރިކާޒް ގޮޓް ޓެލެންޓް"ގައި ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކްސިޑެންޓްއާއިއެކު ހަދަންޖެހިފައިވާ ސާޖަރީގެ ސަބަބުން މި މަޝްރޫއަށް ވާނެ ގޮތެއް އަދި ނޭނގެއެވެ.