މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑިކަމާއެކު ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ ތަކުލީފުތަކުން އަރައިގަތުމަށް އިންޑިއާއިން މައިގަނޑު 3 ފިޔަވަޅެއް އަޅަންޖެހޭ ކަމަށް، އިންޑިއާގެ އިގުތިސޯދު ހެޔޮފާލަކަށް އަނބުރާލެއްވި ބާނީގެ ގޮތުގައި ސިފަކުރަމުން އަންނަ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި މިވަގުތު ހުންނެވި އިގުތިސޯދީ މޭސްތިރި ޑރ މަންމޯހަން ސިންހް ވިދާޅުވާ ގޮތުގައި މި 3 ފިޔަވަޅަކީވެސް އިންޑިއާއިން މިހާރުން މިހާރަށް އަޅަންޖެހޭ 3 ފިޔަވަޅެވެ.

ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބީބީސީއަށް އީ-މެއިލް މެދުވެރިކުރައްވާ، ދެއްވި ބަސްދީގަތުމެއްގައި ޑރ މަންމޯހަން ފާހަގަކުރެއްވި 3 ފިޔަވަޅުގެ ތެރެއިން ފުރަތަމަ ފިޔަވަޅުގައި ވިދާޅުވަނީ، އާންމު ފަރުދުންގެ އާންމު ދިރިއުޅުމާ ގުޅުންހުރި ކަންކަން ހިމާޔަތް ކޮށްދިނުމެވެ. އެއީ، ކަންކަމަށް ޚަރަދު ކުރުމަށް އާންމުންގެ މެދުގައި ރައްކާތެރި އިތުރު ކުރުމަށްޓަކައެވެ. މިކަން ކުރުމަށްޓަކައި، ސީދާ ގޮތުން ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޑރ މަންމޯހަން ވަނީ އިރުޝާދު ދެއްވާފައެވެ.

އިންޑިއާގެ އިމާރާތެއްގެ ސެކިއުރިޓީ ގާޑުންތަކެއް/ފޮޓޯ: ބީބީސީ

2 ވަނަ ފިޔަވަޅެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ވިޔަފާރިތަކަށް ކެޕިޓަލް (ރައުސުލްމާލު) ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މިފަދަ މަޝްރޫއުތަކަކީ ސަރުކާރުގެ ކްރެޑިޓް ގެރެންޓީ ދެވިފައިވާ މަޝްރޫއުތަކަށް ވުން މުހިންމު ކަންވެސް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާއަށް ކުރިމަތިލާންޖެހިފައިވާ ގެއްލުންތައް ފޫބެއްދުމަށް މިހާރުން މިހާރަށް އަޅަންޖެހޭ 3 ވަނަ ފިޔަވަޅެއް ކަމުގައި ކުރީގެ ބޮޑުވަޒީރު ވިދާޅުވަނީ، އިންސްޓިޓިއުޝަނަލް އޮޓޯނޮމީ ނުވަތަ މަތީ ތައުލީމު ދޭ އިދާރާތަކަށް އަމިއްލަ ސިޔާސަތުތައް އެކުލަވާލުމާ، އިލްމީ މަޝްރޫއުތައް ހިންގުމާ ދިރާސާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހި ކޮށްދިނުން ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ މައިގަނޑު އިގުތިސޯދީ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް އައުމުގެ ކުރިންވެސް އިންޑިއާގެ އިގުތުސޯދީ ކުރިމަގު އޮތީ ބަނަވެފައެވެ. އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ދިޔައީ މަޑުޖެހެމުންނެވެ. 2019-2020 އަށް ހިނގި އިންޑިއާގެ މާލީ އަހަރުގައި އެގައުމުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ކުރިއެރީ އެންމެ 4.2 ޕަސެންޓަށެވެ. އެއީ ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި މިއަދަދު އިތުރުވި އެންމެ ދަށް ދުވެލިކަން ފާހަގަކުރަންޖެއެވެ.

ކަންމިހެން އޮތްއިރު، އިގުތިސޯދީ މާހިރުން ވަނީ 2020-2021 ވަނަ އަހަރާ ދެމެދު ފާއިތުވާ އިންޑިއާގެ މާލީ އަހަރުގައި އެގައުމުގެ ޖީޑީޕީ ރެކޯޑް މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކޮށްފައެވެ.