މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

އެ މަޝަރޫގެ މަގްސަދަކީ ރާއްޖޭގެ މަސްވެެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ މަގު ތަނަވަސްކޮށްދީ ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެއްދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސްކުރުމުގެ ފުރުސަތު ހުޅުވައިދިނުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެ މަޝްރޫގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދަ އަށް އެދި ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ގޮތުގެ ގައިޑްލައިން ސަރުކާރުގެ ރަސްމީ ގަޑީގައި އެ މިނިސްޓްރީންގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ މަޝްރޫއަށް އެދި ހުށަހަޅާ ޕްރޮޕާޒަލް ބަލައިގަތުން ރަސްމީ ގަޑިތަކުގައި ފިޝަރީޒް މިނިސްޓްރީން ލިބޭނެއެވެ.

މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލިއިރު، 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީ ވަރަށް ކުރި ނާރައި އޮތީ، ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފައި ނެތުމުން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ދިވެހި މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހިންގެ އިގްތިސާދީ ތަރިކައެއް ކަމަށެވެ. ނަމަވެސް މިއަދުވެސް ދައްކަންޖެހިފައި މިވަނީ ރާއްޖޭގެ އިގްތިސާދަށް މަސްވެރިކަމުގެ ފައިދާ ފުރިހަމައަށް ނުލިބޭ ވާހަކަ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު މި މަޝްރީއަކީ އެކަމަށް އެޅުނު ފިޔަވަޅަކަށް ވެގެންދާނެއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމުގެ މަގު އަމިއްލަ ވިޔަފާރިވެރިންނަށް ވީހާ ބޮޑަކަށް ހުޅުވައިލަދީ، އެކަމުގައި އެހީތެރިވުން ކަމަށާއި ސަރުކާރުގެ ދައުރަކަށް ވާނީ ސިޔާސަތުތައް ކަނޑައެޅުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވަފައެވެ.