ރޭގެ ވަގުތެއްގައި ދުބާއީއިން ފުރައިގެން އިންޑިއާގެ ކަލިކަޓްއަށް ދަތުރު ކުރަމުން ދިޔައި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސް1344، ކަރިޕޫރު އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، އެ ހާދިސާގެ ވާހަކަ އަޑުއައްސެވުމުން ފުން ހިތާމައެއް ލިބިވަޑައިގެން ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގަންވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ހިންގާ ވަންދޭ ބާރަތް ރީޕެޓްރިއޭޝަން މިޝަންގެ ދަށުން އޮޕަރޭޓް ކުރި ފްލައިޓް ވެއްޓުނުއިރު ބޯޓުން 190 މީހަކު ދަތުރު ކުރަމުން ދިޔައެވެ. ބޯޓުން ދަތުރު ކުރި 46 މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާ ގަޑިން 07:45 ހާއިރު މިހާ ހާދިސާ ހިނގިއިރު ކަލިކަޓްއަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށް އިންޑިއާ މީޑިއާއިން ހަބަރު ދެއެވެ. ރަންވޭގައި ބޯޓު ޖެއްސި ފަހުން، ވާދީއަކަށް ބޯޓު ވެއްޓުނު އިރު ދެ ބުރި ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.