މާލޭގެ އިތުރުން ރިސޯޓަކާއި ހަތަރު ރަށަކާއި ހަތަރު ބޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސް ވަގުތީ ގޮތުން އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ މިވަގުތު މޮނިޓަރިންގައި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގާ ރިސޯޓުގެ އިތުރުން މީހުން ދިރިއުޅޭ ހަތަރު ރަށެއް ހިމެނޭ ކަމަށެވެ. ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނާވައިދޫ އާއި އދ. މަހިނބަދޫއާއި އދ. އޮމަދޫ އަދި ހއ. އިހަވަންދޫއެވެ.

އެ ރަށްތައް މޮނިޓަރިންއަށް ލާފައި ވަނީ އެ ރަށްތަކަށް ދިޔަ ބޯޓުތަކުން މީހުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސޮނޭވާ ޕްރިންސަސް ވެސަލް އާއި ސަވާރީ ބޯޓާއި، ތަހުތު ބޯޓާއި ބީއެމްއެމްއޭ އެކްސްޕްރެސް ބޯޓު ކަމަށް އެޗްއީއޯސީން ބުނެއެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ އިރު، މާދަމާއިން ފެށިގެން ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދާން ހުއްދަ ނުދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އިލްތިމާސް ކޮށްފައި ވާއިރު، ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެތީ ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި އެ ގޮތުންވެސް ބަލި ޖެހުމުން ރައްކާތެރި ވެވޭނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

ރާއްޖެއިން އިއްޔެ ޕޮޒިޓިވް ވި 86 މީހުންގެ ތެރެގައި ހިމެނެނީ 56 ދިވެހިންނާއި ބަންގްލަދޭޝްގެ 27 މީހުންގެ އިތުރުން އިންޑިއާ މީހަކާއި ފިލިޕީންގެ މީހެއްގެ އިތުރުން ލަންކާ މީހެކެވެ. އަދި މި 86 މީހުންގެ ތެރެއިން 85 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު އެކަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ.

ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 4680 އަށް އަރާފައިވާއިރު، އިއްޔެ 19 މީހަކު ބަލިން ރަނގަޅުވެ، ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 2725 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރު ވަމުންދާއިރު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1936 ކޭސް އަށް ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން 128 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 1391 މީހުން އެބަ ތިއްބެވެ. މީގެ އިތުރުން 19 މީހަކު ވަނީ ކޮވިޑް ޖެހި މަރުވެފައެވެ.