އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ހަތަރުވަނަ ބެޗުން 21 މީހަކު މިއަދު އިންޑިއާއަށް ފުރައިފިއެވެ.
އާސަންދަ އިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ހާއްސަ ހުއްދައާއިއެކު، އާސަންދައިގެ ހަރަދުގައި ފަރުވާ ހޯދުމަށް މިއަދު އިރުއޮއްސި 6:30 ގގައި ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 50 މީހުން އިންޑިއާއަށް ފުރައިފައިވާ ކަމަށެވެ.
މިއަދު ފުރި މީހުންގެ ތެރެގައި ހިމެނެނީ 21 ޕޭޝަންޓުންނެވެ. މީގެތެރެއިން 9 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ. ޕޭޝަންޓުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.
މިއީ މި ގޮތަށް އިންޑިއާއަށް ފުރި ހަތަރުވަނަ ބެޗެވެ. މިބެޗްގަވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ.
އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ.
އާސަންދައިގެ ދަށުން މިމަހު 14 ވަނަ ދުވަހު ފުރި ބެޗްގައި ދިޔަ ތިން ދިވެހިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލް އެއްގޮތަށް ވަކިން އައިސޮލޭޓްކޮށްފައި ކަމަށް މީގެ ކުރިން އާސަންދައިން ވަނީ ބުނެފައެވެ.
އެގޮތަށް އައިސޮލޭޓްކުރި ކަމުގައި ވީނަމަވެސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށް ފަހު އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުންދާ ކަމަށް އާސަންދައިން ބުނެއެވެ. އަދި އެހެނިހެން ބަލި މީހުންނަށްވެސް އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް ކުރިއަށް ގެންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. އާސަންދައިން ބުނީ ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ދާގޮތް ގާތުން ބަލަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުރަން އޮތް ބޯއްޓުންވެސް ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލިމީހަކާއި ތިން އެހީތެރިން ކަމަށް އާސަންދައިން ބުނެފައި ވެއެވެ. އާސަންދައިން ބުނީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ބޯޓަށް އައުމުގެ ކުރިން ޕޮޒިޓިވް ވުމާ ގުޅިގެން ބޯޓަށް ނާރާ ކަމަށެވެ. އަދި 2 މީހުންގެ އެމީހާގެ ނަތީޖާ ލިބުނު އިރު ހުރީ ބޯއްޓުގައި ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.