މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 86 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 27 ބަންގްލްދޭޝް މީހުންނާއި އިންޑިއާ މީހަކާއި ފިލިޕީންގެ މީހަކާއި ލަންކާ މީހެއް ކަމަަށެވެ.

ރާއްޖެއިން އިތުރު 86 މީހަކު ޕޮޒިޓިވް ވެފައި ވާިއރު ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4680 އަށް އަރާފައެވެ. މިއަދު 19 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 2725 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރު ވަމުންދާއިރު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1936 ކޭސް އަށް ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން 128 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 1391 މީހުން އެބަ ތިއްބެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 13 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ ކެލައާއި، އިހަވަންދުއާއި ބ. އޭދަފުއްޓާއި، ކަމަދުއާއި، ހިތާދުއާއި، ސީސައިޑު ފިނޮޅާއި، ޅ. ހިންނަވަރާއި، ކުރެއްދޫގެ އިތުރުން ކ. މާފުއްޓާއި ވ. ފުލިދޫ އާއި ބ. ކުޑަރިކިލާއި ރ.ހުޅުދުއްފާރާއި އދ. އޮމަދޫއިން މާލެ ގެނައި މީހަކު ހިމެނެއެވެ. ނަމަވެސް މިހާރު އޮމަދޫއިން ގެނައި މީހާ ވަނީ ކޮވިޑށް ނެގެޓެވެ ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.