ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސް އިބްރާހިމް ސޯލިހް މިއަދު ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި މިއަހަރު 25 ވަނަ ނަންބަރު ދެންނެވުމުގައެވެ.

މި އުސޫލު ހަމަޖެއްސީ ހިމެނެނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައްޔާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި އަމަލު ކުރަންވީ ގޮތް ސާފުކޮށްދިނުމަށެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަން މިއަދު ހަމަޖެއްސި އުސޫލުތަކުގެ ތެރޭގައި:

  • މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުން
  • މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން
  • މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން
  • އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާއި، ދޭ ހިދުމަތްތަކުގެ މިންވަރަށާއި، ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަން މިއަދު ހަމަޖެއްސި މިންގަނޑުތަކުގެ ތެރޭގައި:

  • ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުން
  • ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުން
  • ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުން
  • ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެގޮތުގެ މަތިން ދެމުން ގެންދިޔުން
  • އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުން
  • ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުން

މީގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކާތެރިކަން އިސްކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއި ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

އަދި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށް ވެސް އެ ދެންނެވުމުގައި އަންގާފައިވެއެވެ. މިފަދައިން އަންގާފައި ވަނީ ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަލެސް" މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމުކުރުމަށް މަސައްކަތްކުރުމަށްޓަކައެެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައި ބުނީ ކޮވިޑް-19ގެ ސަބަބުން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައިވާ ކަމަށް އެ ދެންނެވުމުގައިވެއެވެ.

ސަރުކާރުން މިގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެޗްޕީއޭން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ.