ސްޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ 2 ނަމެއް ޖޭއެސްސީއަށް ފޮނުވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނަކީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޜ. މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޒް އަލީ ރަޝީދު ހުސައިން ކަމަށެވެ.

އެ ދެ ބޭފުޅުން އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު ފޮނުވައިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސްޕްރީމް ކޯޓަށް ދެ ބޭފުޅަކުގެ ނަން ފޮނުވާފައިވާއިރު، ސުޕްރީމްކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.

އެ ބިލަކީ ކޯޓުތަކުގެ ގާނޫނުގެ ފަސް ވަނަ މާއްދާ އިސްލާހުކުރުމުގެ ބިލެވެ. އެގޮތުން ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ "ސުޕްރީމްކޯޓް އެކުލެވިގެން ވާގޮތް" އިސްލާހު ކޮށްފައި ވާއިރު އެ އިސްލާހުގައި ބުނެފައި ވަނީ، ރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެން ވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް އައްޔަން ކުރެވޭ އިތުރު ހަ ފަނޑިޔާރުންނާއެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމުގައެވެ.

އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި 2014 ވަނަ އަހަރު ކޯޓުތަކަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރިއެވެ. 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ގެނެސްފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް މަޖިލީހަށް ހުށަހެޅި އިސްލާހުގައިވެއެވެ.