ދުބާއީގެ ކުންފުންޏަކުން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރު ގެނައުން ލަސްވަނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް އެ ކުންފުނިން ޑިމާންޑް ކުރާތީ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީން މިކަން ހާމަ ކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދައްކަން ދުބާއީ ކުންފުނިން އެދެމުންދާ ނަމަވެސް އެގޮތަށް ނުހަދައި ފައިސާގެ ކަންކަން ނެގޯޝިއޭޓްކުރުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ. ވެންޓިލޭޓަރުތަކުގެ އަގުން 75 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ.

ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑާ ދެކޮޅަށް ރާއްޖެއިން މިދިޔަ ފެބްރުއަރީމަހު މަސައްކަތް ފަށާފައިވާއިރު، އޭރުއްސުރެ ވެންޓިލޭޓަރުތައް ރާއްޖެ ގެންނަން އެކި އެކި ތާރީހު ދިން ނަމަވެސް ވެންޓިލޭޓަރުތަކާ ބެހޭ މާބޮޑު އަޕްޑޭޓެއް ލިބިފައެއް ނުވެއެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭނެ 124 ވެންޓިލޭޓަރު މިހާރު ވެސް ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް މެއި 21، 2020 ގައި އޭރުގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީން) ބުނެފައިވަނީ 129 ވެންޓިލޭޓަރު ރާއްޖޭގައި ހުރި ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ކޮވިޑްގެ ތެރޭގައި ރާއްޖޭގައި އެންމެ ބޮޑުވި އެއް މައްސަލައެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ ބަލާފައެވެ. އަދި ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ހެލްތު މިނިސްޓްރު އަބްދުﷲ އަމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.