ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. ނަޒްލާ ވިދާޅުވީ ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.
ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.
އެކަން އިއުލާން ކޮށްފައި ވަނީ އިއްޔެ ބޭއްވި ހެލްތް އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިމަޖެންސީ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކައި، ސަލާމަތީ ބާރުތކުގެ އުޅަނދުތައް ދުއްވޭނެއެވެ. އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެ ކަމަށް ޗީފް ސުޕެރިންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 9:30 އިން ފެށިގެން ވިޔަފާރިތަކުގެ ހުރިހާ މަސައްކަތެއް ނިމޭއިރު، 10:00 ވާއިރަށް ހުރިހާ ފަރާތްތަކަށް ވެސް ގެއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 10:00 އިން ފެށިގެން މަގުތަކުގައި ހަރަލާތްތެރިވާ ފަރާތްރތަކާ މެދު ފިޔަވަޅު އަޅާ، ޖޫރިމަނާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ލޮކްޑައުން އުވާލުމަށްފަހު، ރޭގަނޑު 11:00ގެ ފަހުން ބޭރުގައި އުޅުމަކީ މިހާރުވެސް މަނާ ކަމެކެވެ. އަދި މިކަން ތަންފީޒުކޮށް އެވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނަފައެވެ. ނަމަވެސް މާލޭ މަގުމަތި ޕެޓްރޯލް ކުރުމުގައި ފުލުހުންގެ ހަރަކާތްތެރިކަން ކުޑަކަން ވަނީ ފާހަގަވެފައެވެ.