2020 ވަނަ އަހަރާއެކު މުޅި ދުނިޔެއަށް ފެތުރިގަތީ ކޮރޯނާ ވައިރަހޭ ކިޔާއެއްޗެކެވެ. އެއާއެކު ފަހަރަކު ގައުމެއް ހިސާރު ކުރަމުން ލޮކްޑައުން ކުރަމުން، އިގްތިސޯދު ހަލާކު ކޮށްލަމުން އައި މި ވައިރަހަށް ނަމެއްދީ، ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނިންމީ، މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް ކޮވިޑް-19 އަކީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އެކުލަވާލާ، ރައްޔިތުން ހާސްވެ ކަންބޮޑު ނުވާނެހެން ދެއިރު ދެދަޅައަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ މައުލޫމާތު ހާމަ ކުރަމުން ދިޔައެވެ. ބަލިން ރައްކާތެރިވުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ. ކަމާ ބެހޭ ހުރިހާ މުއައްސަސާއެއް އެއްތަންވެ، ދަރުބާރުގޭގައި އޮޕަރޭޝަން ސެންޓަރު އެކުލަވާލާ، އެންމެން އެތަން ވެގެން އެކުގައި މަސައްކަތް ކުރިއެވެ.

އެންއީއޯސީގެ މަސައްކަތަށް ނިމުމެއް ގެނައީ، އެ ސެންޓަރު އޮޕަރޭޓް ކުރާތާ 4 މަސް ފަހުންނެނެވެ. އެއީ މާލެ ސަރަހައްދުގެ ކޮމިއުނިޓީ ސްޕްރެޑް ފެނި، ލޮކްޑައުންގައި 2 މަސް ހޭދަ ކުރުމަށްފަހުއެވެ. ކޮވިޑާއެކު އުޅެން ދަސްކޮށް، ނިއު ނޯމަލްގައި ރައްކާތެރިކަމާއެކު އުޅުމަށް އެތައް ނަސޭހަތެއް ދެމުން އެންއީއޯސީ އުވާލާ، ބައެއް މުއައްސަސާތަކުން ދުރަށް ޖެހިލީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާ ހުރިހާ މަސައްކަތެއް ހަވާލު ކުރުމަށްފަހުއެވެ.

ކޮވިޑް-19 ޓާސްކްފޯސްގެ މަސައްކަތް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއީއޯސީ ތެރޭގައި ކުރިއަށް ދަނީ / ފޮޓޯ: މުހައްމަދު ޝަރުހާން | ރައީސް އޮފީސް

ކޮވިޑްގެ އޮޕަރޭޝަންސްތައް އެޗްއީއޯސީއާ ހަވާލު ކުރުމަށްފަހު ދެން ފެނިގެން ދިޔައީ، ރާއްޖޭގެ ހާލަތުން ގޯހުން ގޯހަށް ދާން ފެށި މަންޒަރެވެ. އެޗްއީއޯސީ އެކުލަވާލިއިރު ރާއްޖޭގެ ޕޮޒިޓިވް ކޭސްތައް 2361 ގައި އުޅޭއިރު، މިއަދާ ހަމައަށް 4446 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ކޭސްތައް އިތުރުވުން އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާ އެޕެއް ހުޅުވާލި ކޮންމެ ފަހަރަކު ފުލުފުލުން އެޗްޕީއޭގެ ޝަކުވާއެވެ. އިހުމާލުވުމާއި ފަރުވާކުޑަކަމެވެ.

ކޮންމެ ދުވަހަކުމެ އާންމު ކުރާ ނަންބަރުތަކުން ހިތްތަކަށް ގެނުވައި ދެނީ ބިރުވެރިކަމެވެ. އެއް ބަޔަކު ސަރުކާރަށް ފާޑު ކިއުމުގައި އަވަދިނެތި އުޅޭއިރު އަނެއް ބަޔަކު ދެކެނީ މިއީ ފަރުދީ ޒިންމާ އަދާ ނުކުރުމުގެ ނަތީޖާ ކަމުގައެވެ. ސިއްހީ ނިޒަމަށް ނުކަތާ ވަރަށް މީހުން ޕޮޒިޓިވްވެ އެނދުމަތި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެކި ފަރާތްފަރާތުން އިވެމުންދާއިރު، މާލޭ މަގުމަތިން އެ މަންޒަރެއް ނުފެނެއެވެ. ފިނި މައިޒާންތަކާއި ކޮފީ މޭޒުތަކަކުން ވެސް ނުފެނެއެވެ.

ނިއު ނޯމަލްގައި މާލެ ހުޅުވާލުން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފްތާގައި ޖުމްލަ 941 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އެއީ ޓެސްޓު ކުރި މީހުންގެ 12.43 ޕަސަންޓެވެ. ލޮކްޑައުން އުވާލީ މި ރޭޓް 2.08 ޕަސަންޓުގައި އުޅެނިކޮށެވެ. މިއަދު އެ ނަންބަރުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ އާބަދީގެ 0.8 ޕަސަންޓު މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކޮންމެ 122 މީހަކުން އެކެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެ މިސާލެއް ގޮތުގައި ބަލާނެ ކަމަށް މީގެ ކުރިން ބުނަމުން ދިޔަ ދިޔުން މިއަދު ފެނަށްވީއެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ކޭސް ފެނުނު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތީ 22 ގައެވެ. 3 ވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރި އިންޑިއާގައި ޕޮޒިޓިވްވީ އެ ގައުމުގެ އާބާދީގެ 0.14 ޕަސަންޓަށް ވީއިރު އިންޑިއާއާ ފައި ހަމަ ކުރުމުގައި ރާއްޖެ ދުލެއް ނުކުރެއެވެ.

ނިއު ނޯމަލް: މާސްކު އަޅައިން ބޭރުގައި އުޅޭ ބައެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރާއްޖޭގެ ހާލަތު ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ރަނގަބިލުތަކާއި އާންމުންގެ ޝަކުވާތަކާ ވިދިވިދިގެން އެންމެ އަޑުހަރުކޮށް މި ގޮވާލަނީ އެޗްޕީއޭ ޒިންމާދާރުވުމަށެވެ. އެންއީއޯސީ އަނބުރާ ގެނައުމަށެވެ. ދިން ލުއިތައް އަނބުރާ ނަގާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށެވެ. ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ނަމުގައި އިއްޔެ ކުއްލިއަކަށް ރޭގަނޑު 10:00 އިން ހަވީރު 5:00 އަށް ކާފިއު އިއުލާން ކުރުމަކުން ފައިދާއެއް ނުކުރާނެ ކަމެވެ.

ރާއްޖެ އަނބުރާ ލޮކްޑައުނަކަށް ދާން މަޖުބޫރު ނުވާ ވަރު ކުރުމަށެވެ. ކުޑަކުރި މުސާރަތައް ބޮޑު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. މި ބައްޔާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވޭނެ ވަރު ކޮށް ދިނުމަށެވެ. ހަރުދަނާ ގޮތެއްގައި ބަލި ކޮންޓްރޯލް ކުރުމަށެވެ. ހަމައެއާއެކު ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް މެއެވެ.