ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުވެގެން ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ޕޮޒިޓިވް ކަން އެނގިފައި ވަނީ މިއަދެވެ.

ޟިރާރު ވިދާޅުވީ ފުވައްމުލަކުން ޕޮޒިޓިވް ވީ، ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވެ، ޓެސްޓު ކުރި މީހެއް ކަމަށާއި، އޭނާ ކަރަންޓީނު ވެގެން ހުރީ އާއިލާގެ އިތުރު ބަޔަކާ އެކު ކަމަށެވެ. އަދި އޭނާ މިހާރު ވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށް އޭނާ މައުލޫމާތުދެއްވައެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި ފަރާތް ބަހައްޓާނީ ހޯމް ކަރަންޓީނުގައިތޯ ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ފޮނުވާނީތޯ އަދި ނިންމާފައި ނުވާ ކަމަށާއި، އައިސޮލޭޝަން ފެސިލިޓީއަކަށް ފޮނުވަން ޖެހުނަސް އެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުން ޕޮޒިތިވްވި ފަރާތުންގެ ދެވަނަ ސާމްޕަލްއެއް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ވަނީ ކޮވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.

ހަމައެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި އެ ގޮތުންވެސް ބަލި ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 4448 މީހަކު ޕޮޒިޓިވްވެ، 2693 މީހުން ބަލިން ރަނަގޅުވެފައިވާއި 19 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 1719 މީހެކެވެ.