ރާއްޖޭގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ޔަމަންގެ ޔާސިރު ޔަހްޔާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ހުުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާގެ އާއިލާގެ ވަކީލުން ބުނެފިއެވެ.

ޔާސިރް ޔަހްޔާ ބަންދުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސަރުކާރުން ބުނެފައިވާ ވާހަކަތައް ރައްދު ދީ ޔާސިރުގެ އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށް ސަރުކާރުން ބުނާއިރު، 2014 ވަނަ އަހަރު ރާއްޖެ އައި ފަހުން ތިން އަހަރު ވަންދެން ދޫކޮށްލާފައިވާ ކަމަށާއި އެ ތުހުމަތުތަކުގެ އަސާސެއް ނެތް ކަން އެކަމުން އެނގޭ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން 2017 ވަނަ އަހަރު ޔާސިރު ހައްޔަރު ކުރުމަށް ފަހު، އެއްވެސް ތަހުގީގެއް އަދި ދައުވާއެއް އުފުލާފައި ނުވުމަކީ ވެސް ތުހުމަތުތަކުގައި އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ގާނޫނީ އިމުގެ ތެރއިން ކުރެވެން އޮތް ހިރިހާ ކަމެއް ކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޔާސިރު މަރުވުމުން އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް އަދި ދިފާއުވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި އެފަދަ ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ހިލާފު ކަމެއް ކަމަށާއި އެކަން ކުރީ އޭގެ ސަބަބުން އޭނާގެ އަންހެނުންނާއި ދަރިފުޅަށް ކުރިމަތިވެދާނެ އަސަރަކަށް ބެލުމެއް ނެތި ކަމަށް ވެސް ބަޔާނުގައިވެއެވެ.

ހަމައެހެންމެ މި ފުރުސަތުގައި މަރުހޫމް ޔާސިރު އާއިލާއަށް އިންސާފު ހޯދައިދިނުމަށް ގާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި އެންމެހާ މަސައްކަތްތަކެއް ކުރަމުން ގެނަދާނެ ވާހަކަ ދަންނަވަމެވެ.
ވަކީލުން

އެގޮތުން ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ ޔާސިރު ޔަހްޔާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ވެސް އޮޅުން ފިލުވައި ދީފައި ނުވާ ކަމަށައި އެ ތުހުމަތާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވުމަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށެވެ.

ވަކީލުންގެ ބަޔާނުގައިވާގޮތުން ޔާސިރު ފުރައިގެން ދާން އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް އެންގިއިރު، އިތުރު އެއްވެސް ތަފްސީލެއް އޭނާގެ އަނބިމީހާ އިނީ ބަލިވެ ކަމަށާއި ފުރައިގެން ދިއުމަށް އެދުނުއިރު އިތުރު އެއްވެސް ތަފްސީލެއް ދިފައި ނުވާ ކަމަށެވެ. އަދި އަނބިމީހާ ވިހެއުމަށް ފަހު، ފުރައިގެން ދާނެ ކަމަށް ޔާސިރު އިމިގްރޭޝަނަށް އެންގި ކަމަށާއި ނަމަވެސް ފަހުން ޔާސިރުގެ ވިސާ ކެންސަލްކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަނުން އޭނާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބަޔާނުގައި ބުނެއެވެ.

ޔާސިރު ރާއްޖެ އިން ފުރުވައިލުމަށް އޭނަގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް ސަރުކާރުން ބުނާ ވަހަކަތައް ވަކީލުންގެ ފަރާތުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށައި ޔާސިރު ފުރުވުމަށްޓަކައި ބޭނުންވާ ލިޔުންތައް ހަމަކުރަން އާއިލާ އިން މަސައްކަތްކުރި ކަމަށް ބަޔާނުގައިވެއެވެ.

ޔާސިރު ކުރަމުންދިޔަ ބަނޑުހައިކަމުގެ ހަޅުތާލަކީ އޭނާ ގާނޫނާ ހިލާފަށް ބަންދު ކުރުމުގެ އިތުރަށް، ބަންދުގައި ހުންނައިިރު ލިބެންޖެހޭ ހައްގުތައް ނުދޭތީ އާއި އެކަން ކަމާބެހޭ އިދާރާތަކާއި އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ސަމާލުކަމަށް ގެނައުމުންވެސް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ބަނޑުހައިކަމުގެ ހަޅުތާލުތައް ޔާސިރު ފަށާފައިވަނީ މި އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލް ދިނުން ހުއްޓާލުމުންނެވެ. އެކަން ހުއްޓާލަާފައި ވަނީ ފެތުރެމުންދާ "ކޮވިޑް-19" އާ ގުޅިގެންނެވެ. އެ ހައްގުތައް ނުލިބޭ ކަމުގެ ޝަކުވާ ކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޔާސިރު ޔަހްޔާ އަށް އެ ހައްގުތައް ނުލިބެނީ އޭނާއަކީ ބިދޭސީއަކަށްވުމުން ކަމަށް ކަރެކްޝަނަލް ސާވިސްގެ ލީގަލް އޮފިސަރު ވަނީ ޔާސިރު ޔަހްޔާގެ އާއިލާއަށް އަންގައިފައިވާ ކަމަށްވެސް އާއިލާގެ ފަރާތުން ނެރެފައިވާ ބަޔަނުގައި ވެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓް ކޮށް ފަރުވާ ދެމުންދަނކޮށް މަރުވީ މިދިޔަ އާދިއްތަ ދުވަހެވެ. އާއިލާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނާގޮތުން އޭނާ މަރުވެފައި ވަނީ ޖެހުނު ސްޓްރޯކެއްގައި ހާލު ދެރަވެ، އެ ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި ފަރުވާ ދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

ޔާސިރު ޔަހުޔާ މަރުވިތާ 3 ދުވަސް ފަހުން ވަޅުލާފައި ވަނީ މިއަދެވެ. ޖަނާރާ ކަންތައްތައް ކުރިއަށް ގެންގޮސްފައައިވާއިރު ވަނީ މެންދުރު 1:00 ވަނީ ކަށުނަމާދު ބާއްވާފައެވެ. އޭނާ ވަޅުލާފައި ވަނީ އާސަހަރާ ގައެވެ.