އެޗްޕީއޭގެ ފަރާތުން އިއްޔެ ކުރި އިންސްޕެކްޝަންގައި 146 ތަނެއް ބަލައި ފާސްކޮށް 20 ތަނެއް ބަންދު ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، އިއްޔެގެ ކުރި އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 146 ތަނެެއް ބެލައި ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ކޮވިޑް-19ގެ އުސޫލުތަކަށް ނުފެތޭ 20 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތް ދޭ 3 ތަނަކާއި 7 ފިހާރައެއްގެ އިތުރުން 8 ސެލޫނަކާއި 2 ޖިމެކެވެ.

މިދިޔަ ހަފުތާގައި ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރަން ވަނީ ނިންމާފައެވެ. ކޮންމެ ދުވަހަކު ވެސް އިސްޕެކްޓް ކުރުމަށްފަހު ނޯޓިސް އާއެކު އުސޫލަށް ނުފެތޭ ތަންތަން ބަންދު ކުރަމުން ދާއިރު އުސޫލަށް ފެއްތުމުން އެތަންތާނުގެ ހިދުމަތް އަލުން ފެށުމަށް ފުރުސަތު ވެސް އަންނަނީ ދެމުންނެވެ. ހުއްދަ ދެނީ އުސޫލު ބަދަލުކޮށް ދެވަނަ އިންސްޕެކްޝަނެއްގައި އެޗްޕީއޭއިން ބަލުމަށް ފަހު އުސޫލަށް ފެތޭ ގޮތަށް ކަންކަން ބަދަލު ކުރުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގައި މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް ފަހުން އެ ލޮކްޑައުންނަށް ލުއި ދިނުމުގެ ގޮތުން ބައެއް ހަރުކަށި އުސޫލުތައް އުވާލައި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަ ދިނީ މިދިއަ މަހުގެ ފުރަތަމަ ދުވަހުއެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު އެޗްޕީއޭއިން ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ގައިޑްލައިންތަކެއް ނެރެފައެވެ.

ނަމަވެސް މި ފަހުން އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވެ ބަލިމަޑުކަން ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން ބައެއް ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެ ގޮތުން މިހާރު ބޭރުތެރޭގައި އުޅެވޭ ވަގުތަކަށް ހަމަޖައްސާފައި ވަނީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑުގެ 10:00 އާ ދެމެދެވެ. އެހެނަކމުން ވިޔަފާރު ކުރާ ތަންތަން ރޭގަނަޑު 9:30 ގައި ބަނދުކޮށް އެ ތަންތަނުގައި ތިބޭ ފަރާތްތައް ވެސް 10:00 ގެ ކުރިން ގެއަށް ދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.