ދިވެހިރާއްޖެ ވަނީ ލުބްނާނުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުމާއެކު ހިނގި ހާދިސާގައި ގެއްލުންވި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިއާ ފޮނުއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ވަނީ ލުބްނާނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި އެ ހާދިސާގައި އެތައްބައެއްގެ ފުރާނަ ގެއްލިފައިވާ އިރު އެ ފަރާތްތަކާއި އާއިލާތަކަށް ހެޔޮ ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ހާދިސާއާއި ގުޅިގެން ލިބެމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި ގޮވުން ގޮވާފައި ވަނީ ގިނަ އަދަދެއްގެ ގުދަންތަކެއް ހުންނަ، ބަނދަރު ސަރަހައްދުގައެވެ. ގޮވުމާއެކު އުފެދުނު ބާރުގައި ވަށައިގެންވާ ބޮޑު ސަރަހައްދެއްގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ހާދިސާ ހިނގި ސަރަހައްދާ އެތައް ކިލޯމީޓަރެއް ދުރުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅައިގެން ދިޔަ ކަމަށް ޚަބަރު ލިބެއެވެ. އަދި ބައެއް އިމާރާތްތައް ވެއްޓިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައި މިވަނީ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވަހާރަކޮށްލި ހާދިސާގައި ހުކުމް އިއްވުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. މިމައްސަލާގައި ދައުވާ ލިބޭ 4 މީހުންނަކީވެސް އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހިޒްބުއްލީ ޖަމާއަތުގެ މެމްބަރުން ކަމަށް ޚަބަރު ލިބެއެވެ. އެ ޖަމާއަތުން ދަނީ ހަރީރީ އަވަހާރަކޮށްލުމުގައި އެއްވެސް އަތެއް ނުވާނެ ކަމަށް ބުނަމުންނެވެ. މިމައްސަލާގައި ދައުވާކޮށް ހުކުމް ކުރަނީ ދައުވާ ލިބޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.

ދެވަނަ ގޮވުމެއް ގޮވާފައިވަނީ، ބެއިރޫތިގައި ހުންނަ ހަރީރީގެ ގެކޮޅުގައި ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުންތަކުގައި މަރުވި މީހުންގެ އަދަދު 78 އަށް އަރާ، ޒަހަމްވި މީހުންގެ އަދަދު ވަނީ 4000 އަށްވުރެ މައްޗަށް އަރާފައެވެ.