ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ދިނުމަށް ޖުމްލަ 124 ވެންޓިލޭޓަރު ހުރި ކަމަށް ޑރ. ނަޒްލާ ޒަފީގް ވިދާޅުވެއްޖެއެވެ،

ޑރ. ނަޒްްލާ ވިދާޅުވީ ކޮވިޑަށް ބޭނުން ކުރުމަށް 124 ވެންތިލޭޓަރު ހުރިއިރު، އެ ކެޕޭސިޓީން މިވަގުތަށް މެއިންޓެއިން ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮން ވެންޓިލޭޓަރެއް އައީ ކޮންތާކުންތޯ ވަކިވަކިން ބުނަން އެޗްއީއޯސީއަށް ނޭނގޭ ކަމަށާއި، ހެލްތް މިނިސްޓްރީގެ ޕްރޮކިއުމަންޓުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ. ވެންޓިލޭޓަރުގެ ކަންކަން ކުރިއަށް ދިޔައީ އެޗްއީއޯސީގެ އޮޕަރޭޝަނުގެ ތެރެއިން ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، ދުބާއީން ގެނައި 10 ވެންޓިލޭޓަރެއް ބޭނުން ނުކުރެވިގެން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް ނާންނަނީސް އެ ވެންތިލޭޓަރުތައް އަނބުރާ ފޮނުވާލީ ކީއްވެތޯ އަހާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި 124 ވެންޓިލޭޓަރު ރައްޖޭގައި ހުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭއަށް ގެންނަން ބުނެފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 129 ވެންޓިލޭޓަރު ލިބިފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އެކަން އިއުލާން ކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ދުބާއީން ގެންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެއާ އެކު މިހާރު ރާއްޖޭގައި ޖުމްލަ 129 ވެންޓިލޭޓަރު އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.