އާންމު ތަންތަނުގައި ފަސް މީހުންނަށް ވުރެ ގިނައިން އުޅުން މަނާކޮށްފިއެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ކޮވިޑްއާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި މީހުންނަށް މަގުމައްޗަށް ނުކުމެ އުޅޭ ވަގުތަށް ބަދަލުގެނެސްފައިވާ ކަަމަށެވެ. އެގޮތުން މިހާރު މަގުމައްޗަށް ނުކުމެ އުޅެވޭނީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑުގެ 10:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ އިރު 5 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކަސްރަތު ކުރުމަށް ނުކުމެ އުޅޭ އިރުވެސް އެމީހަކު އެކަނި އުޅުމަށް އެޗްއީއޯސީން ބުނެއެވެ. އަދި 5 މީހުންނަށް ވުރެ ގިން މީހުން އެކީގައި ކަސްރަތު ކުރުމަށް ނުނިކުތުމަށް ވެސް އެދިފައި ވެއެވެ.

ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ހުރި ހުރިހާ ސްކޫލްތަކެއް 2 ހަފްތާއަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ގޭގައި ހުރެގެން މަސައްކަތް ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރު ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މާސްކް އަޅައިގެން އުޅުމަށް އެދިފައި ވިޔަސް އެކަން މަޖުބޫރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ ހުރިހާ އުޅަދެއްގައި ދަތުރުފަތުރު ކުރާ ވަގުތު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4293 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1490 މީހުންނެވެ. ވޭތުވެ ދިޔަ 5 ދުވަހަށް ބަލާއިރު ކޮވިދާށް ޕޒޮތިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު ވެސް އިތުރުވެ ވަނީ 19 އަށް އަރާފައެވެ.