ގައިގޯޅިވެ ކުޅޭ ކުޅިވަރުތައް ހުއްޓާލަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަންގައިފިއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ، އެއްވެސް ސްޕޯޓްސް ޓީމެއްގެ އެއްވެސް އިވެންޓެއް ނުވަތަ ޓޯނަމަންޓެއް ނުބޭއްވޭނެ ކަމަށެވެ. މިހާރު ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ އިރު މޫދުގައި ކަސްރަތު ކުރުމަށާއިި ދުވަން ނުވަތަ ހިނގަންދާ ފަރާތްތަކުން އެކަނި ކަސްރަތު ކުރަން ދިއުމަށް އިލްތިމާސްކުރާ ކަަމަށް ސާމިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު ކަސްރަތު ކުރަން ދާ އިރު 5 މީހުންނަށް ވުރެ ގިނަ މީހުން އެކީގައި ނުދިއުމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްއާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި މީހުންނަށް މަގުމައްޗަށް ނުކުމެ އުޅޭ ވަގުތަށް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން މިހާރު މަގުމައްޗަށް ނުކުމެ އުޅެވޭނީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑުގެ 10:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ އިރު 5 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ހުރި ހުރިހާ ސްކޫލްތަކެއް 2 ހަފްތާއަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރު އިޮފީސްތައް ބަނދުކޮށް އޮންލައިންކޮށް ގޭގައި ހުރެގެން މަސައްކަތް ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރު ކޮވިޑް ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މާސްކް އަޅައިގެން އުޅުމަށް އެދިފައި ވިޔަސް އެކަން މަޖުބޫރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ ހުރިހާ އުޅަދެއްގައި ދަތުރުފަތުރު ކުރާ ވަގުތު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.