މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުން ޓޭކްއަވޭ އާއި ޑެލިވަރީ ރޭގަނޑު 10ގެ ފަހުން ނުދެވޭ ގޮތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ނިންމައިފިއެވެ.

ރޭގަނޑު 10ގެ ފަހުން ކެފޭ ރެސްޓޯރެންޓްތަކުން ޑެލިވަރީ ކުރުމާއި، އެހެނިހެން ވިޔަފާރިތަކުން ވެސް ޑެލިވަރީ ކުރުން ހުއްޓާލަން އެޗްއީއޯސީން އަންގާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނިންމުން ނިންމާފައި ވަނީ ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެންނެވެ.

އެގޮތުން ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު ވަނީ ކާފިއު ވެސް އިއުލާން ކޮށްފައެވެ. މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކާއި، ސަލާމަތީ ބާރުތކުގެ އުޅަނދުތައް ދުއްވޭނެއެވެ. އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެ ކަމަށް ޗީފް ސުޕެރިންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 9:30 އިން ފެށިގެން ވިޔަފާރިތަކުގެ ހުރިހާ މަސައްކަތެއް ނިމޭއިރު، 10:00 ވާއިރަށް ހުރިހާ ފަރާތްތަކަށް ވެސް ގެއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 10:00 އިން ފެށިގެން މަގުތަކުގައި ހަރަލާތްތެރިވާ ފަރާތްރތަކާ މެދު ފިޔަވަޅު އަޅާ، ޖޫރިމަނާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާފިއު އިއުލާންކޮށް ޑެލިވަރީ އަދި ޓެކްއަވޭގެ ހިދުމަތްތައް މެދުކަނޑާލަން ނިންމާފައިވާއިރު، މީގެ ކުރިން ވެސް ވަނީ މިފަދަ ހިދުމަތްތައް ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް، އޭރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވުމުގެ ސަބަބުން ވަނީ ގިނަ ލުއިތަކެއް ދީ ރާއްޖެ ވަރަށް ބޮޑަށް ހުޅުވާލާފައެވެ.